އަހަރެންނަކީ އެންމެ މޮޅު މީހެއް ނޫނެވެ. އެހެނަސް ދަސްކުރަމުންދާ މީހަކީމެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި އެތައް ކަންތަކަކާ ކުރިމަތިލާން ޖެހޭ ކަމީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. މައްސަލަތަކާ ދިމާވެ، ކަންކަން ހައްލު ކުރުމާއި، މިހެން ގޮސް އެކި އެކި ތަޖުރިބާ ތަކެވެ.
އެހެންނަމަވެސް ގިނަ ބަޔަކު ގަބޫލުކުރަން ބޭނުން ނުވާ ކަމަކީ ދުނިޔޭގައި ކަންކަން ކުރުމުގައި ތިމާގެ އަތުން މައްސަލަތައް ޖެހޭނެ ކަމެވެ. އަދި އެއިން ކޮންމެ މައްސަލައަކީ ވެސް ދެވަނަ ފަހަރަށް އެކަން ކުރުމުގައި ސަމާލުވާންވީ ކަމެއް ކަން ދަނެ އެއިން ވެސް އިތުރު ފިލާވަޅެއް ދަސްކުރުމަށް ލިބޭ ފުރުސަތެއް ކަމެވެ.
އިންސާނާ ދުނިޔެއަށް އުފަން ވަނީ ސާފު ޠާހިރުކަން މަތީގައެވެ. އެއަށް ފަހު ދުނިޔޭގެ ކަންކަން ހިނގާ ގޮތް ދަސްކޮށް ދިރިއުޅުމުން އެކި ކަންކަން ދަސްކުރެއެވެ. ތިމާ ގޭމެއް ކުޅޭއިރު އެއްފަހަރު މަރުވުމުން ދެވަނަ ފަހަރަށް ވެސް ކާމިޔާބު ވޭތޯ މަސައްކަތް ކުރަނީ ނޫން ހެއްޔެވެ؟ ހަމަ އެބީދައިން ތިމާގެ ޙަޔާތާ ގުޅުވައި އެކަމުން ޢިބުރަތް ހާސިލު ނުކުރަނީ ކީއްވެ ހެއްޔެވެ؟
ހަމަގައިމު ވެސް ޔަގީންވާ ކަމަކީ، ތިމާ ކުރާ މަސައްކަތަކީ ތިމާ އެންމެ ކުރާ ހިތުން ކުރާ މަސައްކަތެއް ނަމަ އެއްފަހަރު ދެފަހަރެއް ނޫނެވެ. އެތައް ފަހަރަކު ވެސް ކާމިޔާބު ވޭތޯ ހަމަ އެ އަޒުމާއެކު މަސައްކަތް ކުރާނެއެވެ. ކަންކަން ދަސްކުރުމުގައި ތިމާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެއެވެ. އެހެންކަމުން ދަސްކުރަމުން ދާއިރު ވެސް ފުރަތަމަ ފަހަރުން ކާމިޔާބު ނުވެދާނެއެވެ. އެހެންނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮށްފި ކަމުގައި ވާނަމަ މާތް الله ގެ އިރާދަފުޅުން ކާމިޔާބުވާނެކަން ކަށަވަރެވެ.