އަބޫ އައިން ދައްކުވައިދޭ ތަފާތު ރަހަތަކެއް، ރާއްޖެއަށް މުޅިން އައު ކޮންސެޕްޓެއް
ނަމަށް ބަލާލައިފި ނަމަ އެހައި ތަފާތު ނުވެދާނެއެވެ. އަބޫ އައިން ކުއިޒީންއެވެ. އައިންގެ ބައްޕައެވެ. ރެސްޓޯރަންޓަށް ވަދެފިނަމަ ފެންނާނީ ވަރަށް ގިނަ އިންޑޯރ ޕްލާންޓްތަކެކެވެ. މިޒަމާނުގެ މީހުންނަށް ވަރަށް ކަމުދާ ކަމެކެވެ. ލަކުޑި ތީމްއަކަށް ތައްޔާރު ކޮށްލައިފައިވާ ތަންކޮޅެކެވެ. ލަކުޑި ކުލައިގެ ބިއްތަކާއި ގޮނޑި މޭޒެވެ. ތަނަށް ބަލައިލުމުން ވެސް އެހައި ތަފާތު ކަމެއް ފާހަގަ ނުވެދާނެއެވެ. ނަމަވެސް ކައުންޓަރު ކައިރީގައިވާ ފްރިޖު ކައިރިއަށް ގޮސްފި ނަމަ އެ ތަނުގެ ތެރެއިން ފެންނާނީ މި ތަން ތަފާތުވާ ގޮތެވެ. އަދި މެނޫ ބަލައިލުމަށް މޭޒުމަތީގައި ބާއްވައިފައިވާ ގަނޑުކޮޅުގައިވާ ކިއު އާރް ކޯޑް ސްކޭންކޮށްލުމުން އަސްލު ތަފާތުކަން ފެނިގެންދާނެއެވެ.
ނަމަވެސް އަސްލު އަބޫ އައިންގެ ސަޅިކަން އެނގިގެންދާނީ މެނޫގައި ހުރި އެއްޗެހި އޯޑަރު ކޮށްގެން ކެއުމަކުން ވެސް ނޫނެވެ. ނަމަވެސް އެ ތަނުގެ މެނޫއާއި އެއްކަލަ ފްރިޖުގައި ބަހައްޓައިފައިވާ އެއްޗެއްސާ ދޭތެރޭގައި ފުންކޮށް ވިސްނައިލުމުންނެވެ. އަމިއްލައަށް ވިސްނައިލުމުން ނުވިސްނިއްޖެ ނަމަ އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތެވެ. އެ ތަނުގައި ކަސްޓަމަރުންގެ ޚިދުމަތުގައި ޝިފާން އަހުމަދު ހުންނާނެކަން ޔަގީނެވެ. އަތުކުރި އޮޅައިލައިގެންނެވެ. އުފަލާ އެކު ކިޔައިދިނުމަށް ތައްޔާރުވެގެންނެވެ. އަހަރެން ވެސް ހެދީ އެހެންނެވެ. ޝިފާން ކުރެން އެހީއެވެ. މައުލޫމާތު އޮޅުންފިލުވީއެވެ. މިއަދު މި ކިޔައިދެނީ އޭނާގެ ވާހަކައެވެ. އަބޫ އައިން އުފެދުނު ގޮތާއި 'ހެލްދީ ފުޑް'ގެ ގެ ކޮންސެޕްޓް އޭނާ ރެސްޓޯރަންޓަށް އެޕްލައިކުރި ގޮތުގެ ވާހަކައެވެ. ވަރަށް ވެސް ތަފާތު ރަހަތަކެކެވެ. އަޑު އަހާށެވެ.
ޝިފާން "ދުޅަހެޔޮ"ވި ގޮތް
ޝިފާން ބުނި ގޮތުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާއާ ބެހޭ ގޮތުން އޭނާ ފުރަތަމަ ކުރަންފެށީ ދިރާސާއެވެ. އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. ހަށިގަނޑުގައިވާ ޓޮކްސިންތައް ބޭރު ކުރުމަށް ޓަކައި ކުރަންފެށި ދިރާސާއަކުން އަބޫ އައިން ކުއިޒީންއާ ހަމައަށް އާދެވުނީ ހަމަ ހުރެފައެއް ނޫނެވެ. އެކަން ވުމުގެކުރިން އޭނާ އެތައް ޖޫހެއް ގިރިއެވެ. އެތައް ރެސިޕީއެއް ކެއްކިއެވެ. ފާމެންޓްކުރުމުގެ ސައިންސް ދަސްކޮށް އެކަން ވެސް ކުރަން ފެށިއެވެ. ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި ކެއުމުގެ މުހިންމުކަމުގެ ވާހަކަ އެހެން މީހުންނާ ހިއްސާކުރަން ފެށިއެވެ. މިގޮތުން އާއިލާއާއި ގާތް ރައްޓެހިންނަށް ވެސް މި ކަންތައް ފާހަގަވެ ކަމުދިޔައެވެ. ޝިފާން އުފަލާ އެކު އެހެން މީހުންނަށް ވެސް އެ މައުލޫމާތު ހިއްސާކުރަން ފެށިއެވެ.
ހެލްދީ ފުޑް ނުވަތަ ހަށިގަނޑަށް ފައިދާ ހުރި ކާނާއަކީ ޝިފާން ދެކޭ ގޮތުގައި ނުރައްކާތެރި ކެމިކަލްސް ނާޅާ ހުންނަ ކާއެއްޗެއްސެވެ. މިކަމުގެ ތެރެއަށް ވަދެވުނު މައިގަނޑު ސަބަބަކީ ކާއެއްޗެއްސަށް އަޅައިފައި ހުންނަ ޓޮކްސިކް ކެމިކަލްތަކުގެ ސަބަބުން ލިބޭ ގެއްލުންތައް އެނގި އެ ފަދަ ކަންކަން ދިރާސާކުރަން ފެށުމުންނެވެ. އަދި ކުޑަ ކުދިންނަށް ދުޅަހެޔޮ ލައިފްސްޓައިލްއެއް ގެނެސްދިނުމަށް ބޭނުން ވެގެންނެވެ. ޝިފާން ޤަބޫލުކުރާ ގޮތުގައި މައިންބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ނުކޮށް ކުދިންގެ ދިރިއުޅުން ދުޅަހެޔޮކުރަން ވަރަށް އުނދަގޫ ވާނެއެވެ. ހާއްސަކޮށް ކުޑަކުދިންނަކީ ވަރަށް ޝުގަރީ އަދި ކުލަކުލައިގެ ކާއެއްޗެހި ބޭނުންވާނެ ބައެއް ކަމުގައި ވެސް ވާތީއެވެ. ނަމަވެސް ބައެއް ތައްޔާރީ ކާނާއަށް އެއްގޮތަކަށް ވެސް ކައިގެން ނުވާނޭ އެއްޗެހި އަޅާފައި ހުރެއެވެ. މިސާލަކަށް އަޖިނަމޮޓޯ އަދި އެކި އާޓިފިޝަލް ކުލަކުލަ އެއީ ހަށިގަނޑަށް އޭގެން ގެއްލުން ލިބޭ އެއްޗެއްސެވެ. ޖަންކް ފުޑްއާ ދުރަށް ކުދިން ގެންދެވޭނީ އޭގެ އޯލްޓާނޭޓިވްތަކެއް ހުރެގެން ކަމުގައި ޝިފާން ފާހަގަކުރެއެވެ. މިސާލަކަށް އައިސް ކްރީމްގެ ބަދަލުގައި ނައިސް ކްރީމް ހެދިދާނެއެވެ.
ޝިފާން ކިޔައިދިން މިސާލެކެވެ. އަހަރެމެން އާމަންޑް މިލްކް ނުވަތަ ބަދަނުން ހަދައިފައިވާ ކިރު ގޭގައި ހަދައިފިނަމަ ތިން ވަރަކަށް ދުވަސް ތެރޭގައި ކުނި ވާނެއެވެ. ނަމަވެސް ފިހާރައިން ގަންނަ ޕެކެޓު އެތައް މަހެއް ވަންދެން ވެސް ކުނި ނުވެ ހުރެއެވެ. މީގެ ސަބަބަކީ އެއަށް ޕްރިޒާވަޓިވްސް އަޅައިފައި ހުރުމެވެ. އެކަހަލަ އެއްޗެހީގެ ސަބަބުން އަހަރެމެންގެ ހަޖަމު ކުރާ ނިޒާމަށް ވެސް ވަރަށް ގެއްލުން ލިބެއެވެ. ޝިފާން ބުނި ގޮތުގައި ކްރޯނިކް ބަލިތައް ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ބަލިތައް މިޒަމާނުގައި އެހައި ގިނަވުމުގެ އެއް ސަބަބަކީ މި ކަހަލަ ކެމިކަލްތަކެވެ. މި ކެމިކަލްތަކާއި ދުރަށް ގޮސް، ނެޗުރަލް ނުވަތަ ގުދުރަތީ ކާނާ ބޭނުން ކުރުމުން ވަރަށް ގިނަ މީހުން ބަލިތަކުން ވެސް އެބަ ރަނގަޅު ވެއެވެ. ސަބަބަކީ ބައެއް ފަހަރު މީހުން ބަލި ވަނީ ބައެއް ކަހަލަ މާއްދާތައް ހަށިގަނޑަށް ލިބެން ޖެހޭ ވަރަށް ނުލިބުމުގެ ސަބަބުންނެވެ. ވިޓަމިން ޑެފިޝަންސީތަކުން އަރައިގަނެވޭނީ އެ ވިޓަމިނެއް ހަށިގަނޑަށް ލިއްބައިދީގެންނެވެ. އެ ޑެފިޝެންސީގެ ސަބަބުން ދިމާވާ އަލާމާތްތަކަށް ލުއި ހޯދުމަށް ޓަކައި ބޭސް ކެއުމަކީ ހަގީގީ ހައްލެއް ނޫނެވެ.
ޖޫސް
ހަގީގަތުގައި ޝިފާން ޖޫސް ގިރަނީއެއް ނޫނެވެ. ޖޫސާރއިން ޖޫސް ޕްރެސް ކުރަނީއެވެ. ޖޫސާރއަށް ޖޫސްކުރަން ބޭނުންވާ އެއްޗެއް ލީމާ އެ އެއްޗެއް ފިއްތައިލައިފައި އޭގެ ދިޔަކޮޅު ނެރެލަނީއެވެ. މިކަންތައް ޝިފާން ކުރަން ފަށައިގެން ޝިފާން ފުރަތަމަ ، އޮންލައިންކޮށް ޖޫސް އޯޑަރތައް ނަގައި މީހުންނަށް ޖޫސް ފޯރުކޮށްދިނެވެ. ޝިފާން ބުނި ގޮތުގައި 200އަށް ވުރެ ގިނަ ޖޫސް ބްލެންޑްސް އޭނާ މިހާރު ތައްޔާރު ކޮށް ނޯޓްކޮށްފައި ވާނެއެވެ. އަދި ކޮންމެ ފަހަރަކު ވެސް އެ ޖޫހެއް ތަކުރާރުކޮށް ހެދިޔަސް ލާނީ ހަމަ އެއްރަހައެކެވެ. ނަމަވެސް އެއަށް އަޅާ އެއްޗެއްގެ ދޮންކަން ނުވަތަ ތަފާތުކަމުގެ ސަބަބުން ރަހަ ތަފާތުވެދާނެއެވެ. މިސާލަކަށް އޮރެންޖުގެ ތެރޭގައި ވެސް ތަންކޮޅެއް ފޮނި އޮރެންޖާއި ތަންކޮޅެއް ހުތް އޮރެންޖު ހުންނާނެއެވެ. އަދި އެއްވަރަކަށް އެއް އެއްޗެހިތަކެއް އެޅި ނަމަވެސް ހުތް އޮރެންޖު އަޅައިގެން ހަދާ ޖޫސް ފޮނި އޮރެންޖު އަޅައިގެން ހަދާ ޖޫހަށް ވުރެ ހުތްވާނެއެވެ.
ވައްތަރުވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށްފައި އިންސްޓަގްރާމްއަށް ލުމުން ވަރަށް ގިނަ ރައްޓެހިންނާއި ފޮލޮވާރސްގެ ފަރާތުން ކާއެއްޗެހި ލިބޭ ތަނެއް ހުޅުވުމަށް ރިކުއެސްޓް ލިބިގެންދިޔައެވެ. ކެފޭއެއް ހުޅުވުމުގެ ޚިޔާލު އައީ އެ ހިސާބުންނެވެ. އޭގެ ދުވަސްތަކެއް ފަހުން އެ ކަންތައް ކުރެވޭނެ މަގު ފަހިވުމުން އުފަންވީ އަބޫ އައިންއެވެ. އަބޫ އައިންއިން ލިބޭ ތަފާތު އެއްޗެހީގެ ތެރޭގައި ޑޭޓް ސީޑް ކޮފީ، ސަންފްލާވާ ސީޑް ސޭންޑްވިޗް، ފާރމެންޓެޑް ބުއިންތައް، ރޯ ފުޑް ޑިޝްތައް، ޖޫސް އަދި ހެލްދީ ޑެޒާޓްސް ހިމެނެއެވެ.
ފާމެންޓް ކުރުން
ޝިފާން ބުނީ ފާމެންޓެޑް ކާނާގެ ފައިދާއާ ބެހޭ ގޮތުން ދިވެހިންގެ ތެރޭގައި އެހައި ހޭލުންތެރިކަމެއް ނެތް ކަމަށެވެ. އެހެންވީމާ އެ އަކަށް އެހައި ބޮޑު ތަރުހީބެއް ނެތްކަމުގައެވެ. ނަމަވެސް ގޭސް މައްސަލަ ޖެހިގެން އުޅޭ ބައެއް މީހުން ގަވައިދުން ފާރމެންޓެޑް ކެބެޖް ޖޫސް (ރެޖޫވިލެކް) ގެންދެއެވެ. އަދި ވަރަށް ބޮޑަށް ގޭސްވެފައި ތިބޭ ބައެއް މީހުން ވެސް ގަވާއިދުން މަހެއްހައި ދުވަހު ރެޖޫވިލެކް ބޭނުންކޮށްފި ނަމަ އެއްކޮށް ރަނގަޅުވެފައި އެބަ ހުއްޓެވެ.
ކިޔުންތެރިންނަށް ފާރމެންޓެޑް ކާނާއަކީ ކޮބައި ކަމެއް ނޭނގިދާނެތީ ޝިފާން ގާތުގައި އެއީ ކޮބައިކަން ކިޔައިދޭން އެދުމުން ޝިފާން ބުނީ ފާރމެންޓްކުރުމުގައި ދެގޮތެއް އޮންނަ ކަމަށެވެ. ފުރަތަމަ ގޮތަކީ ހަކުރު ބޭނުން ކުރުމެވެ. މިސާލަކަށް އެ ބޭނުންކުރާ އެއްޗެއްގައި ހުންނަ ހަކުރު ބޭނުންކޮށްގެން ނުވަތަ އިތުރު ހަކުރު އަޅައިގެން ވެސް ހެދޭނެއެވެ. ނަމަވެސް އޭރުން އެ އެއްޗެއް ދާނީ އެލްކޮހޮލިކްވެގެންނެވެ. އަނެއް ގޮތަކީ ލޮނު ބޭނުންކޮށްގެނެވެ. ފާމެންޓްކުރުމުގެ ސަބަބުން އެ އެއްޗެއްގައި ޕްރޯބަޔޯޓިކް ބެކްޓީރިއާ އުފެދެއެވެ. އަދި އެއީ ބަނޑަށް ވަރަށް ފައިދާވާ ކަހަލަ އެއްޗެކެވެ. ޝިފާން ބުނާ ގޮތުގައި ވަރަށް ގިނަ ފަހަރު ބަނޑުގައި ހުންނަ ފައިދާ ހުރި ބެކްޓީރިއާ ނެތުމުގެ ސަބަބުން ވަރަށް ބައިވަރު ސިއްހީ މައްސަލަތަކާ ދިމާވެއެވެ. އެހެންވީމާ އެ ކަހަލަ ކަންކަމުން އަރައިގަތުމަށް މި ކަހަލަ ފާމެންޓެޑް ކާނާ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
ފާމެންޓް ކުރުމުން ބައެއް އެއްޗެހީގެ ރަހަ ވަރަށް މީރު ވެގެންދިޔައެވެ. މިސާލަކަށް މިރުސް، ޓޮމާޓޯ އަދި ފިޔާ މީ އަހަރެން އަބޫ އައިންއިން ރަހަ ބަލައިފައި ހުރި އެއްޗެއްސެވެ.
އެންމެ ތަރުހީބު ލިބެނީ "އިމިއުނިޓީ ބޫސްޓާރ"އަށެވެ. އެއީ ޖޫސް ބްލެންޑެކެވެ. މިސާލަކަށް ރޯގާ ކަހަލަ ކަންކަން އިމިއުނިޓީ ބޫސްޓަރ ނަގައިގެން ވަރަށް ގިނަ މީހުން ވަރަށް އަވަހަށް ރަނގަޅުވެއެވެ. އެމީހުންގެ ފަރާތުން އެހެން މީހުންނަށް އެ ޚަބަރު ލިބިގެން އެހެން މީހުން އެ ޖޫސް ބްލެންޑް ހޯދުމަށް ދެއެވެ.
ރޯ ފުޑް
ރޯ ފުޑްއަކީ އަސްލު ކާއެއްޗެހި އޭގެ ގުދުރަތީ ގޮތުގައި ނުވަތަ ވަކި ހޫނުމިކަނަށް ދާވަރަށް ނުކައްކައި ތައްޔާރު ކޮށްފައިވާ އެއްޗެއްސެވެ. މިސާލަކަށް އަބޫ އައިންގެ މެނޫއިން އަހަރެންނަށް އެންމެ ކަމުދިޔަ ދެއެއްޗަކީ ކެރޮޓް ޒޫޑްލްސް އަދި ކޯލިފްލާވާރ ރައިސްއެވެ. އެދެ ޑިޝްގައި ވެސް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ހުންނާނީ ނުކައްކާ ކާނާއެވެ. ނަމަވެސް ފާމެންޓް ކޮށްފައިވާ އެއްޗެހި ވެސް ހުންނާނެއެވެ.
އަޑިގުޑަންތައް
ޝިފާން ދެކޭ ގޮތުގައި އާންމުންނަކަށް އެހައި ރަނގަޅަކަށް ނިއުޓްރިޝަންއާ ބެހޭ މައުލޫމާތެއް ނޭނގެއެވެ. މިސާލަކަށް މިވެނި ވިޓަމިނެއް ހޯދަން ކާންވީ މިވެނި ކާނާއެއް ކަމެއް ނޭނގެއެވެ.
"ވަރަށް ގިނަ ރައްޓެހިން ބުނި އަސްލު ހެލްދީ ފުޑް ކެފޭއެއް ހަދާނެ ކަމެއް ނެތޭ. ނުހިނގާނޭ މީހުން ބޭނުމެއް ނުވާނޭ. ޖަންކް ފުޑް ހަދާށޭ މިހާރު ވެސް ވިކޭނޭ."
މިކަން މިހެން އޮތް ނަމަވެސް ޝިފާން ބުނީ ހަށިގަނޑަށް ގެއްލުން ހުރި ކާނާކަން އެނގި ހުރެ އެ ތަކެތި މީހުންނަށް ދޭން ބޭނުން ނޫނީ ކަމަށެވެ. އަދި ޝިފާންގެ އެންމެ ބޮޑު ބޭނުމަކީ މީރު ރަހަތަކަކާ އެކު ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކާނާ އާންމުންނަށް ފޯރުކޮށްދިނުމެވެ.
"ބައެއް ރައްޓެހިން މިހާރުވެސް ބުނޭ އެބަ، މީހުންނެއް އެހާ ނާދޭ ނޫންހޭ މިތާކަށް. އެހެންވީމާ ކުޑަކުޑަ ކޯނާރއެއް ހަދާށޭ ހެލްތީ ފުޑްއަށް. މެނޫގައި ވެސް ވަކި ބައެއް ބައިންދާފައި. އާންމުކޮށް އެހެން ތަންތަނުން ވެސް ލިބޭ އެއްޗެހި ތި ތަނުން ވިއްކަންވީ ނޫންހޭ. އަދި އަމުދުން ސްކޫލްތަކާ ވެސް ކައިރީގައި ޗާންދަނީ މަގުގައި ވީމަ ރަނގަޅޭ ވާނީ ކުދިން ކާހިތްވާނީ އެ ކަހަލަ އެއްޗެއްސޭ."
މި ފަދަ ސަބަބުތަކާ ހުރެ އާންމުންގެ މެދުގައި އަބޫ އައިންއާ ދޭތެރޭގައި މަގުބޫލުކަން ހޯދުމަކީ ބައެއް ފަހަރު އުނދަގޫ ކަމަކަށް ވެގެންދެއެވެ.
އޭނާ ބުނި ގޮތުގައި ކާއެއްޗެހި ކަމުގައި ގިނަ މީހުންނަށް ނޭނގޭ އެއްޗެހި ވެސް އެބަ ހުއްޓެވެ. މިސާލަކަށް ކަރާގެ ރަތްބައި ނެގީމާ ދެން އޮންނަ ބައި އަދި ދޮންކެޔޮ ނިރުގެ މެދު ބަޔަކީ ވެސް ވަރަށް ފައިދާ ހުރި އެއްޗެއްސެވެ.
"މިސާލަކަށް މުރަނގަ ފަތާއި ތޮޅިއާ ކައިފާނެ. އެކަމަކު މުރަނގަ މަލެއް ނުކާނެ. ހަމަ އެގޮތަށް އަހި ކާނެ އެކަމަކު އަހިފަތެއް ނުކާނެ. އަހި ގަހުގެ ޅަފަތް ވަރަށް މީރު ވާނެ ސެލެޑް ގޮތަށް ކޮށައިލައިގެން ބޭނުން ކުރަން."
ޝިފާން ބުނީ ރޯ ބަށި އަދި ރޯ ބަރަބޮލަކީ ވެސް ޖޫސް ގިރައިގެން ބޭނުންކުރެވިދާނެ އެއްޗެހި ކަމުގައެވެ. އަބޫ އައިންގެ އިންސްޓަގްރާމް ޕޭޖުން ފާހަގަ ވާނެހެން އެ ފަދަ ތަފާތު އެއްޗެހި ބޭނުންކޮށްގެން ޖޫސް ހެދުމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ.
އަބޫ އައިންގެ ކުރިމަގާއި ޝިފާންގެ ހުވަފެންތައް
ޝިފާން ބުނީ އޭނާގެ ޖޫސް ބްލެންޑްސްއާއި ރޯފުޑް ރެސިޕީތައް ހިމަނައިގެން ފޮތެއް ތައްޔާރު ކުރުމަށް ވެސް ހިތަށް އެރި ކަމަށެވެ.
ދުޅަހެޔޮ ކާނާގެ ދުނިޔޭގައި އެ ކަންކަން ދިރާސާކޮށް އެކަހަލަ ފޮތް ކިޔާތާ އެތައް އަހަރެއް ވީއިރު ޝިފާން އެ ތަނުން އެންމެ ކުރާ ހިތްވާ ކަމަކީ ވީގަން ޗީޒް ހެދުމެވެ. އެއީ ވެސް ފާމެންޓޭޝަން ބޭނުންކޮށްގެން ކުރާ ކަމެކެވެ.
ދުޅަހެޔޮ ކާނާއަކީ ޝިފާންގެ ޕެޝަންއެކެވެ. ޝިފާން ކުރިއަށް އޮތް ދުވަސްތަކަށް ކުރާ އުއްމީދަކީ ހެޔޮވަރު ވަރެއްގެ ބޮޑު ޖާގައެއް އޮތް ތަނެއްގައި ކެފޭ ހުޅުވުމެވެ. އަދި ޖާގަ އޮތް ބަދިގެއެއް ލިބި އެހީތެރިވެދޭނޭ ކައްކާއިން ކެފޭއަށް ލިބުމެވެ. އަދި ދުޅަހެޔޮ ކާނާއާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުވެ ކެފޭއަށް ތަރުހީބު ލިބުމެވެ.
އަހަރެން ބުނާނީ ކޮންމެ މީހަކުވެސް ގޮސް އެތަނުގައި ހުރި އެއްޗެއް ޓްރައި ކޮށްލުމަށް ފަހުގައި ނޫނީ ދުޅަހެޔޮ އެއްޗެއްސަށް ކުޑައިމީސް ބަސް ނުބުނާށެވެ. ޝިފާންގެ ރެސިޕީތައް ރަހަ ބަލައިފިއްޔާ ޖަންކް ފުޑް ކާހިތެއް ނުވެސް ވާނެއެވެ.
އަބޫ އައިންގެ އިންސްޓަގްރާމް: abooayn