'މޯލްޑިވްސް ބޯޑަރ މައިލްސް' އަށް ތަރުހީބު ބޮޑު: އިމިގްރޭޝަން
'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމަށް ތަރުހީބު ބޮޑު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް ބޯޑާ މައިލްސްއަކީ މޯލްޑިވްސް އިމިގްރޭޝަނުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ތައާރަފު ކުރި ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ދުނިޔޭގައި ވެސް ތައާރަފު ކުރި ފުރަތަމަ ޕްރޮގްރާމެވެ.
ފަތުރުވެރިކަމުގެ މަންޒިލްތަކުގެ މެދުގައި ވާދަވެރިކަން އިތުރުވަމުން އަންނަ ވަގުތެއްގައި އާ ކަންތައްތައް ތައާރަފުކޮށް ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަކީ އެއް އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވެއެވެ. އަދި ބޯޑާ މައިލްސް ޕްރޮގްރާމް ވެގެން ދާނީ އެފަދައިން ތައާރަފު ކުރެވުނު ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ ބްރޯޒް ޕެކޭޖު "އައިދަ"، ސިލްވާ ޕެކޭޖު "އަންތަރަ" އަދި ގޯލްޑް ޕެކޭޖު "އަބާރަނަ" އެވެ. އަހަރުގެ ފުރަތަމަ ދެ ހަފްތާއަށް ބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެެ.
އެ ޕްރޮގްރާމްގެ މެންބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ހުޅުވާލާފައި ވެއެވެ. އެ ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ.