ޚަބަރު

ދަމަނަވެށިން ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހިމަބިހި ފެތުރެމުންދާތީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލޭގެ ދަމަނަވެށިން ކޮންމެ ދުވަހެއްގެ ހަވީރު 5:00 ޖަހަންދެން ވެކްސިން ޖަހައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by MWSC

މީގެ ކުރިން ވެކްސިން ޖަހައި ދެނީ ހެނދުނު 8:15 އިން މެންދުރު ފަހު 2:00 ޖެހުމާ ހަމައަށެވެ. ނަމަވެސް ދަމަނަވެށީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދުން ފެށިގެން ހަވީރު 5:00 ޖަހަންދެން ވެކްސިން ޖަހައިދިނުން ކުރިޔަށް ގެންދާނެ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޖަހަން ދާ މީހުން އިތުރުވެފައިވާ ކަމަށާއި ކުއްޖާ އަށް 18 މަސް ވުމުގެ ކުރިިން ޖަހަން ޖެހޭ އިންޖެކްޝަން ނުޖަހާ ތިބި ފަރާތްތަށް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން ވެކްސިން ޖަހަން. މިދުވަސްކޮޅު ފުދޭ ވަރަކަށް މީހުން އާދޭ މީސްލްސް ވެކްސިން ޖަހަން. ހާއްސަކޮށް ކުއްޖާއަށް 18 މަސް ވުމުގެ ކުރިން ޖަހަންޖެހޭ ވެކްސިން ކޮންމެވެސް ހާލަތެއް ދިމާވެގެން ނުޖަހާ ތިބޭ މީހުން ވެސް އާދޭ،" އޭނާ ވިދާޅުވި އެވެ.

މީސްލްސް ވެކްސިން ޖަހައި ދޭނީ އެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި ކުދިންގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. ވެކްސިން ޖަަހަން ދާއިރު އައިޑީ ކާޑުގެ އިތުރުން ވެކްސިން ފޮތް ގެންދަން ޖެހެ އެވެ. ވެކްސިން ފޮތް ނެތް ނަމަ އައިޑީ ކާޑު ދެއްކުމުންއެ ވެކްސިން ޖަހައިދޭނެ އެވެ. ވެކްސިން ޖަހައި ދެނީ ފީ އަކާ ނުލަ އެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!