ރައީސް އާއި ނައިބް ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމުގެ މުސާރަ ކުޑަކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތުމަށް މިއަދު ނިންމައިފި އެވެ.
ކޮޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ ވެރިިންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން މިދިޔަ މަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު މަޖިލީހުން އެ ބަދަލު ގެނައީ ރައީސާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅާފައިވާ ގާނޫނު އިސްލާހު ކުރުމެއް ނެތި އެވެ.
މަޖިލީހުގެ އެ ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
ރައީސާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ވެސް ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ނިންމުން ވެސް ބާތިލް ކުރަން އެ މައްސަލާގައި އެދިވަޑައިގެންފައިވެ އެވެ. ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ބައެއް ގާނޫނުތަކުގައި އެ މަގާމެއްގެ ދައުރު ތެރޭގައި މުސާރަ އާއި އިނާޔަތްތައް ކުޑަ ނުކުރެވޭނެ ކަމަށް ބުނެފައިވާތީ އެވެ.
އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައެއް ކަމުން، އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމަވާފަ އެވެ.
ގާނޫނުއަސާސީވާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑަ އަޅާނީ މަޖިލީހުންނެވެ. ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެއްގަ އެވެ.