ކޮވިޑް ފެތުރިދާނެ ކަމަށް ބުނެ އެމެރިކާއިން އޮސްޓްރޭލިއާއަށް ދިޔަ ކޮތަރެއް ހޯދަނީ
ކޮވިޑްު ފެތުރިދާނެކަމުގެ ބިރަށް ޓަކައި، އެމެރިކާއިން އޮސްޓްރޭލިއާއަށް ދަތުރުކުރި ކޮތަރެއް ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާގެ އިދާރާތަކުން ފަށައިފިއެވެ.
މިކޮތަރު ވަނީ އެމެރިކާއިން އޮސްޓްރޭލިއާއަށް 8000 މޭލުގެ ދަތުރެއް ދެ މަސްދުވަސް ތެރޭގައި ކޮށްފައެވެ.
މި ކޮތަރު ގެއްލިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮރިގަން އިންނެވެ. ދެ މަސް ފަހުން އަލުން މެލްބަން އިން ކޮތަރު ފެނިފައިވާއިރު، ކޮތަރު އެހިސާބަށް ގޮސްފައިވަނީ ކާގޯ ޝިޕެއްގައި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
އޮސްޓްރޭލިއާ މީހަކު ވަނީ އޮސްޓްރޭލިއާއިން މި ކޮތަރު ފެނުމުން، އެއަށް ކާންދީ، ސިއްހީ ފަރުވާ ދީފައެވެ. އަދި އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ނަމުން ކޮތަރަށް ނަންދިންއިރު، އޭނާ ވަނީ އެ ކޮތަރު ބަލިން އަލުން ރަނގަޅު ވަންދެން ކޮތަރު ގެންގުޅެފައެވެ.
ނަމަވެސް އޮސްޓްރޭލިއާގެ ހަބަރުތަކުގެ ސުރުހީއަށް އެމެރިކާއިން އައި ޖޯ ގެ ވާހަކަ އެރުމާއެކު، އޮސްޓްރޭލިއާގެ ކަރަންޓީނު ފެސިލިޓީތަކުން ވަނީ ޖޯ ބެލި މީހާއަށް ގުޅައި އެ އިދާރާއަށް ޖޯ ހަވާލުކުރުމަށް އެދިފައެވެ.
ނަމަވެސް އެއިރު ޖޯ އޮސްޓްރޭލިއާގައި ނެތުމުން އެ ގައުމުގެ އިދާރާތަކުން ވަނީ ޖޯ ހޯދުމަށް އިއުލާނު ކޮށްފައެވެ. އަދި ޕްރޮފެޝަނަލް ދޫނި ހިފާ މީހުން ވެސް އެކަމުގައި ހަރަކާތްތެރިވަމުން އަންނައިރު، ޖޯ އަކީ އެމެރިކާއިން އައި ދޫންޏެއް ކަމުން ވައިރަހުގެ ބިރު އޮތުމާއެކު ޖޯ ހިފައި މަރާލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.