ޚަބަރު

މާދަމާގެ ޖަލްސާ ވެސް ބޮއިކޮޓް ކުރަން އިދިކޮޅު މެމްބަރުން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވެސް ބޮއިކޮޓް ކުރަން އިދިކޮޅުން ޕީޕީއެމް/ޕީއެންސީ މެމްބަރުން ނިންމައިފިއެވެ.

Ads by MWSC

ޕްރޮގްރެސިވް ކޯލިޝަނުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުން ލައްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާކޮށް، އިދިކޮޅު މެމްބަރުން ތަޅުމުން ބޭރުކޮށް މަޖިލީހުގެ ދޮރުތަޅުލާފައިވާ ކަމަށެވެ.

އަދި މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށާއި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެމްބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އާއި އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުންދާތީ އިދިކޮޅު މެމްބަރުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވެސް ބައިވެރި ނުވާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ވަރަށް ހުދުމުހުތާރު ގޮތެއްގައި މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހިންގަވާތީ ކަންބޮޑުވާ ކަމަށާއި، ކިތަންމެ ބޮޑު މެޖޯރިޓީއެއް ލިބިފައިވީ ނަމަވެސް މައިނޯރިޓީއާ ނުލައި މަޖިލިސް ހިންގަވަން މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރުމަކީ ޑިމޮކްރެސީގެ ޗެމްޕިއަނުން ކަމަށް ވަކާލާތު ކުރާ ބައެއްގެ ފަރާތުން ފެނިގެންދާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އިއްޔެ އާއި މިއަދު ބޭއްވި ޖަލްސާ ވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!