މުނިފޫހިފިލުވުން

ޅެންވެެރިކަމުގެ އަލި މުޅި ރާއްޖެއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޯވިޑް-19ގެ ފުރަބަންދާ ދިމާކޮށް ދިވެހިބަހުގެ އެކަޑަމީއިން ވަނީ ޅެން ހެދުމުގެ ކޯހެއް ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ކޯސް ހުޅުވާލެއްވީ އެންމެ 25 ޖާގައަށެވެ. ނަމަވެސް މި ކޯހަށް އެދި ޖުމްލަ 463 ބޭފުޅުން ކުރިމަތިލައްވާފައި ވެއެވެ. އެހެން ކަމުން އެކަޑަމީ އިން ނިންމީ އެކި ބެޗު ތަކަށް ބަހާލައިގެން އެއްވެސް ބޭފުޅަކު ބާކީ ނުވާނޭހެން މި ކޯހަށް އެދުނު ހުރިހާ ބޭފުޅުންނަށް ވެސް ކޯސް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އެކަޑަމީ އިން އެކި އުމުރުފުރާތަކަށް ބައިވެރިން ގިންތިކޮށް އެކި ބެޗުތަކަށް ބަހާލިއެވެ.

Ads by Hajj Corporation

އެގޮތުން ޅެން ހެދުމުގެ މި ކޯސް ފަށައި މިހާރު ވަނީ 5 ބެޗަކަށް ކިޔަވައިދީ ނިމިފައެވެ. އަދި 6 ވަނަ ބެޗުގެ ކުލާސް ތައް މިހާރު ދަނީ ކުރިއަށެވެ. މި ކޯހުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރި ވެފައި ވާކަމުގައި ދިވެހި ބަހުގެ އެކަޑަމީއިން މައުލޫމާތު ދެއްވައެވެ.

ކޮންމެއަކަސް މި ކުލާސްތަކުގެ ބައެއް ވީޑީޔޯ މީސްމީޑިޔާއިން އަޅުގަނޑަށް ވެސް ފެނުނެވެ. ދާދި އިހަކަށް ދުވަހު ދިވެހި ބަހުގެ އެކަޑަމީގެ ރަޢީސް އަލްފާޟިލް އަޝްރަފް އަލީ ފޭސްބުކުގައި ހިއްސާކޮށްފައިވާ ވީޑީޔޯގައި އަޑުއިވެނީ ވަރަށް ކުޑަ ކުއްޖެއްގެ އަޑުން، ކިޔާފައިވާ ޅެމެކެވެ. އަދި އެ ޅެމަކީ ޅެން ހަދަން ދަސްކޮށްދޭ ކުލާހުގެ 16 އަހަރުން ދަށުގެ ދަރިވަރުންގެ އުފެއްދުމެއް ކަމުގައި ޢަޝްރަފް ލިޔުއްވާފައިވެއެވެ. އެ ވީޑިޔޯ ބަލާލުމަށް ފަހު އަޅުގަނޑުވެސް މި ކުދިންގެ ހުނަރުވެރިކަން ފެނި ހަމަ ހަގީގަތުގައި ވެސް އާޝޯހު ވިއެވެ.އެ ކުދިން ހަދާފައިވާ ޅެން ހަމަ އެހާވެސް ޗާލެވެ.

އަޅުގަނޑަށް މި ވީޑިޔޯ އިން މި ފެނުނީ އަދި ޅެން ކޯހުގެ ބައިވެރިންގެ ހުނަރުވެރިކަމުން ކުޑަކުޑަ މިންވަރެކޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. އެހެން ކަމުން އަޅުގަނޑު މި ކޯހުގެ ކުލާހެއް ބަލާލަން ބައިވެރި ވެލުމަށް އެދި ދިވެހި ބަހުގެ އެކަޑަމީއަށް ދެންނެވީމެވެ. މި ކުދިންގެ ހުނަރުވެރިކަން ބަލާލުމަށް ޓަކައެވެ. އަޅުގަނޑަކީ ވެސް ޅެންވެރިކަމަށް ލޯބި ކުރާ މީހަކަށް ވެފައި، މިފަދަ ކުލާހެއް ބަލާލަން ވަދެވުމަކީ ލިބޭނެ އުފަލަކަށް ވާނެތީއެވެ.

ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން އަޅުގަނޑަށް ކުލާހެއް ބަލާލަން ބައިވެރިވެލުމުގެ ފުރުސަތު ދެއްވިއެވެ. އެކަމަށް ޓަކައި ދިވެހި ބަހުގެ އެކަޑަމީގެ ރަޢީސަށް އަޅުގަނޑުގެ ހިތުގެ އަޑީން ޝުކުރު ދަންނަވަމެވެ.

ކޮންމެއަކަސް އަޅުގަނޑު މީގެ ދެ ދުވަހެއް ކުރިން ކުލާހެއް ބަލާލަން ބައިވެރި ވެލައިފީމެވެ. އެ ކުލާހުގައި މުޅިންވެސް ހިމެނެނީ 16 އަހަރުން ދަށުގެ ކުދިންނެވެ.ކުލާސް ކުރިއަށް ގެންދިޔައީ ޒޫމް އިންނެވެ. އެދުވަހުގެ ފުރަތަމަ ފިލާވަޅު ނަންގަވައިދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ އެވެ. ކިޔަވައިދެއްވީ ދިވެހި އަދަބިއްޔާތުގެ ވައްތަރު ތަކެވެ. އެގޮތުން ދިވެހި އަދަބިއްޔާތުގެ 7 ވައްތަރު ވަރަށް ތަފްސީލާއެކު މިސާލު ގެންނަވާ އަޝްރަފް ކިޔަވާ ދެއްވިއެވެ. އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ފިލާވަޅު ނަންގަވައިދެއްވި އިރުގައި ހުރިހާ ދަރިވަރުންވެސް ފިލާވަޅުގައި ބައިވެރިކުރެއްވި ކަމެވެ. އެކި ކުދިންނާ ސުވާލު ކުރައްވާ ކުދިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވައިގެން ކުލާސް ކުރިއަށް ގެންދެވި ކަމެވެ.

ކުލާހުގައި އެކި ކުދިންގެ އަޑުން ދިވެހި އަދަބިއްޔާތުގެ ވައްތަރުތައް ވަރަށް ރީއްޗަށް އިވިގެން ދިޔައެވެ. ބަނދި ކިޔުމަށާއި ރައިވަރު ކިޔުމަށާއި، ލަވަ އަދި ޅެން ކިޔުމަށް ވެސް ވަރަށް މޮޅެތި ކުދިން މި ކުލާހުގައި ތިބިކަން އަޅުގަނޑަށް ފާހަގަ ވިއެވެ. ކުލާހުގައި އަޅުގަނޑު އިން އިރުގައި ހަމަ ހަގީގަތުގައިވެސް ފޫއްސެއް ނުވެއެވެ. ބައެއް ފަހަރު އޮންލައިން ކުލާސްތަކުގައި އިންނަންވީމާ ނިދި އަންނަ ގޮތް ދިމާވި ކަމުގައި ވިޔަސް، މި ކުލާހުގައި އެހެނެއް ނުވިއެވެ. މި ކުލާސް މާ ޝައުގުވެރި އެވެ. ކުލާހުގައި އިނދެ ވަގުތު ދިޔަގޮތްވެސް ނޭނގުނެވެށ އަޅުގަނޑުމެންގެ ކާބަފައިން ދިވެހި އަދަބީ ހަރަކާތްތައް ކުރިއަށް ގެންދެވި ގޮތާއި އަދި އަންބާ ކިޔަމުން މަސައްކަތް ކުރައްވާ ކަމާއި ރައިވަރުން ވާހަކަ ދައްކާ އުޅުނު ވާހަކަ ފަދަ ޝައުގުވެރި އެތައް ވާހަކަތަކެއް އިވިގެން ދިޔައެވެ.

ކުލާހުގެ ވަކި ހިސާބަކުން ކުލާހުގެ ދަރިވަރަކު އަމިއްލައަށް މިއުޒިކު ހަދައިގެން އަމިއްލަ އަޑުން ކިޔާފައިވާ ވަރަށް ހިތްގައިމު ލަވައެއް ހިއްސާ ކުރެވުނެވެ. ހަމަ ހަގީގަތުގައި ވެސް ހުނަރުން ފުރިގެން ވާ ކުދިންތަކެއް މި ކުލާސްތަކުގައި އެބައުޅޭކަން އަޅުގަނޑަށް ގަބޫލު ކުރެވުނެވެ. ކުލާހުގައި ދެން އެންމެ ހިތްގައިމު ކަމަކަށް ވީ އުމުރުން އެންމެ 8 އަހަރުގެ ދަރިވަރެއްގެ އަޑުން ޅެމެއް ކިޔާލަދިނުމެވެ.ޅެން ކިޔާލިއިރު އަޅުގަނޑުގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެހާ ތުއްތު ކުއްޖަކު އެ ޅެން ކިޔާލަދިންލެއް ރީތިބކަމުންނެވެ. ވަރަށް ހިތްގައިމު އެހާމެ އިބުރަތްތެރި ދީނީ ޅެމެކެވެ. މި ޅެމަކީވެސް މި ދަރިވަރުންގެ އަމިއްލަ އުފެއްދުމެކެވެ.

ފިލާވަޅު ނަންގަވައިދެއްވާ ނިމުމުން އަޅުގަނޑު ކުލާހުގެ ދަރިވަރުންނާ ސުވާލު ކޮށްލީމެވެ. މި ކޯހުގެ ސަބަބުން ދަސް ވެގެން ދިޔައީ ކޮން ކަންތައްތަކެއް ތޯއެވެ. ހީނުކުރާފަދަ އެތައް ޖަވާބެއް ލިބިގެން ދިޔައެވެ. އެއް ދަރިވަރަކު ބުނި ގޮތުގައި މި ކޯހުން ދަސްވީ ޅެމުގައި ކާފިޔާ އާއި ބަނޑުވަތް އަކުރު އެއްގޮތް ކުރަން ކަމަށެވެ. އަނެއް ދަރިވަރަކު ބުނި ގޮތުގައި، އެއް ލަފުޒެއް އޭގެ ޒާތުގައި ޅެމަކަށް ނުވާނެކަމާއި، ޅެމެއް ޅެމަކަށް ވަނީ ގިނަ ލަފުޒުތަކެއް ގުޅިލާމެހުމުން ކަމަށެވެ. އަދި ދިވެހިބަހުގެ ބަސްކޮށާރުވެސް ވަރަށް ބޮޑަށް މުއްސަނދިވެގެން ދިޔަކަމަށް އެކުދިން ބުންޏެވެ.

މި ކުލާސްތަކުގެ ޓީޗަރުންނަކީވެސް ވަރަށް މޮޅު 2 ޅެންވެރިންނެވެ. އެއީ އިއްޒާ އަދި ޒީނަތު އެވެ. މި ދެބޭފުޅުންނާ ވެސް އަޅުގަނޑު ވާހަކަ ދައްކާލީމެވެ. ދެބޭފުޅުންވެސް ފާހަގަކުރެއްވި އެއްކަމަކީ މި ކޯހުގެ ސަބަބުން ޅެންވެރިކަމަށް ޝައުގުވެރިކަން ހުންނަ އެތައް ފަރާތްތަކަކަށް ޅެންވެރިކަން ދަސްކުރުމަށް ފުރުސަތު ފަހިވެގެން ދިޔަކަމެވެ.

ދެން އެމްވީ އާ ވާހަކަ ދައްކަވަމުން އިއްޒާ ވިދާޅުވީ މި ކޯސްތަކުން ވަރަށް ގިނަ ހުނަރުވެރި ކުދިންތަކަކާ ދިމާވި ކަމަށާއި، ޅެންވެރިކަމަށް އެކުދިންގެ ހިތުގައި ވަރަށް ބޮޑު ލޯތްބެއް އުފެދިފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ހުރިހާ ކުލާހެއްގައިވެސް ކުދިންގެ ބައިވެރިވުން ހިމަނައިގެން ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމުގައި އިއްޒާ ވިދާޅުވިއެވެ. އަދި މި ކުލާސްތައް ނިމިގެން ދާއިރުގައި ހުނަރުވެރި އެތައް ޅެންވެރިންނެއް އުފެދިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

ޒީނަތު ވިދާޅުވީ ފުރަބަންދުގެ މިފަދަ ހާލަތެއްގައި ގޭގައި ބަންދުވެގެން ތިބޭއިރު ޅެންވެރިކަމަކީ ދަސްކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށާއި، ޅެމުން ހިތުގައި އުފެދޭ ޝުޢޫރުތައް ވަރަށް ރަނގަޅަށް ހާމަ ކުރެވޭނެ ކަމަށެވެ. އަދި ހަމަ އެހެންމެ މި ކުލާސްތައް ކުރިއަށް ދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމުގައި ވެސް ވިދާޅުވިއެވެ.އަދި ހަމަ އެހެންމެ މި ކުލާސްތަކުގައި އެބޭފުޅުން އެ ދިއްލަނީ ވޮށްތަކެއް ކަމަށާއި އެ ވޮށްތަކުގެ އަލި މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިދަވިދާ ހުރުމަކީ ކުރާ އުއްމީދެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރަޢީސް އަޝްރަފް އަލީ ވިދާޅުވީ، "ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް" މި ޝިއާރަކީ ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން 2015 ވަނަ އަހަރު މުޅި ރާއްޖޭގައި ޅެންވެރިކަން ދަސްކޮށްދިނުމުގެ ގޮތުން ކަނޑައެޅި ޝިއާރެއް ކަމަށެވެ. އެ ޝިއާރުގެ ދަށުން ފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައި ވާ ކަމުގައި އަޝްރަފް ވިދާޅުވިއެވެ. އެ ގޮތުން ވަރަށް ގިނަ ރަށްރަށަށް ޅެންވެރިކަމުގެ ފަންނުވެރި ބޭފުޅުން ފޮނުއްވައިގެން ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވާނެ ކަމުގައި އަޝްރަފް ވިދާޅުވިއެވެ.

2020 ވަނަ އަހަރު ފެށި ޅެންވެރިންގެ ދުވަސް ކަމުގައި ވާ 15 ޖަނަވަރީ އާ ދިމާކޮށް ވެސް ވަރަށް ގިނަ ޕްރޮގްރާމްތަކެއް ޅެންވެރިކަން ދަސްކޮށްދިނުމަށް ހިންގިފައިވާކަމުގައި އަޝްރަފް ފާހަގަ ކުރެއްވިއެވެ. އެގޮތުން ސިޓީގެ ދަރަޖަ ދެވިފައިވާ ހުރިހާ ތަނެއްގައިވެސް ވާނީ ކުލާސްތައް ކުރިއަށް ގެންދެވިފައި ކަމަށާއި، މާލޭގެ ހުރިހާ ސުކޫލަކުން ކުދިން ބައިވެރިކޮށްގެންވެސް ކުލާސްތަކެއް ކުރިއަށް ގެންދިޔަ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އިތުރަށް ދެން އެމްވީ އާ ވާހަކަ ދައްކަވަމުން އަޝްރަފް ޢަލީ ވިދާޅުވީ، މި އަހަރަށް ވެސް ވަރަށް ގިނަ ކަންކަން އެކަޑަމީގެ ފަރާތުން ރާވާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން މުޅި ގައުމު ހުއްޓުމަކަށް ދާން ޖެހި ފުރަބަންދަކަށް ދާން ޖެހުމުން މަސައްކަތްތައް މަޑު ޖެހުނު ކަމުގައި ވެސް ވިދާޅުވިއެވެ. އެހެން ކަމުން ދިވެހި ބަހަށް ކުރާ ޚިދުމަތް މި މުއްދަތުގައި ވެސް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް މި ކޯސް ކުރިއަށް ގެންދިއުމަށް ނިންމި ކަމުގައި ވިދާޅުވިއެވެ. އަދި މިހާބޮޑު ތަރުހީބެއް މި ކޯހަށް ލިބުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި މި ކޯހުގައި ބައިވެރި ނުވާ އަތޮޅެއް ނެތް ކަމަށް ފާހަގަ ކުރައްވަމުން އަޝްރަފް ވިދާޅުވީ އެހެންކަމުން ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް މި ޝިއާރުގެ ވަރަށް ބޮޑުބައެއްވެސް މި ކޯހުން ހާސިލު ވާނެ ކަމަށެވެ.

މި ކޯސް ހިންގުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، އެކަޑަމީގެ މުވައްޒަފުންނަށް ހިތުގެ އެންމެ އަޑީން ޝުކުރާއި ތާރީފު ރައްދު ކުރާ ކަމަށެވެ. އަދި ހަމަ އެހެންމެ ވަރަށް ފުރިހަމަ ކަމާއެކު މި ކޯހުގައި ކިޔަވާ ދެއްވާ މުދައްރިސުންނަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވާ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ޡަޤާފަތާ ބެހޭ ވަޒީރު ޔުމްނާ މަޢުމޫން މި ކަމަށް ދެއްވާ އަހައްމިއްޔަތުގެ ބޮޑުކަން ފާހަގަ ކުރައްވާ ވަރަށް އިހްލާސްތެރި ޝުކުރެއް އެކަމަނާއަށް ދަންނަވާ ކަމުގައި ވިދާޅުވިއެވެ.

ދިވެހި ބަހާއި ދިވެހި އަދަބިއްޔާތު ވަޅު ޖެހެމުން ދާ ވާހަކަ އަކީ މިހާރަކަށް އައިސް ވަރަށް ގިނަ ފަރާތްތަކަކުން ދައްކަމުން އަންނަ ވާހަކައެކެވެ. އަދި ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ވެސް މެއެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ދިވެހި ބަހަށް ލޯބި ކުރާ ތުއްތު އެތައް ކުދިންނެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގެއްލިފައި އެބަތިއްބެވެ. މި ކޯހުންވެސް މިކަން މިދަނީ ސާބިތު ވަމުންނެވެ. ދިވެހި ބަހަކީ ކިހާ ރީތި ކިހާ ފުރިހަމަ ބަހެއްކަން މި ކުދިން މިގެންދަނީ ސާބިތު ކޮށްދެމުންނެވެ. ދިވެހި ޅެންވެރިކަމުން ތިމާގެ ހިތުގައި އުފެދޭ ހުރިހާ ޝުއޫރެއް ބަންޑުން ކޮށްލެވޭނެ ކަން މި ކުދިން މި ގެންދަނީ ސާބިތު ކޮށްދެމުންނެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން އިތުރު ކޯސްތަކެއް ވެސް ކުރިއަށް ގެންދަމުން އެބަ ދެއެވެ. އެގޮތުން ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހަކާއި ނާވިލު ލިޔަން ދަސްކޮށްދިނުމުގެ ކޯހެއް ވެސް މިހާރު ކުރިއަށް ދާ ކަމަށާއި އަދި ޖޫން މަހުގެ 10 ވަނަ ދުވަހު އޮފީސް ދިވެހި ކޯސްވެސް ފެށިގެން ދާނެކަމަށް ދިވެހިބަހުގެ އެކަޑަމީ އިން މައުލޫމާތު ދެއެވެ.

އާދޭހެވެ. ދިވެހި ބަހުން ނުބުނެވޭ ވާހަކައެއް އަދި ނުދެއްކޭ ވާހަކައެއް ވެސް ނޯއްނާނޭކަން ގައިމެވެ. އަދި ދިވެހި ބަހަކީ އަޅުގަނޑުމެން އެ ބަހަކާ މެދު ފަޚުރުވެރިވާން ޖެހޭނޭ އެއްޗެކެޗެ. އަޅުގަނޑުމެން ދިވެހިންގެ އަމިއްލަވަންތަ ކަން ދައްކުވައިދޭ އެންމެ ބޮޑު ރަމްޒަކީ އަޅުގަނޑުމެންގެ ބަސް ނޫން ދެވަނަ ކޮން އެއްޗެއް ތޯ އެވެ؟ މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދިވެހި އައު ބަސްތައް ނެރުމުން އެކަޑަމީ އަށް ފާޑު ކިޔުއްވައެވެ. ނަމަވެސް ދިވެހި ބަސް ކުރިއެރުވުމަށް ޓަކައި އަދި ދިވެހި ޅެންވެރިކަމުގެ އަލިން މުޅި ރާއްޖެ އަލި ކޮށްދިނުމަށް ޓަކައި ދިވެހި ބަހުގެ އެކަޑަމީ އިން ކުރާ މަސައްކަތަށް އަޅުގަނޑު ސެލިއުޓް ކުރަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!