ޚަބަރު

ވެކްސިނާ ދެކޮޅު ވައިބާ ގްރޫޕުގެ މައްސަލަ ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

ފުލުހުން މިއަދު ބުނީ ވެކްސިން ޖެހުމާ ދެކޮޅަށް މައުލޫމާތު ދޭ ވައިބާ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ވަނީ މިދިޔަ އަހަރު ކަމަށާއި އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ފުލުހުން މިހެން ބުނީ ބަޔަކު ކުދިންނަށް ވެކްސިން ޖެހުމާ ދެކޮޅު ހަދާ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ފެންމަތިވެފައި ވަނިކޮށެވެ.

ގާތްގަނޑަކަށް 1،600 މީހުން ތިބޭ އެ ވައިބާ ގްރޫޕުގައި ވެކްސިން ދިނުމާ ދެކޮޅު ވާހަކަތައް ފަތުރާ އިރު، ބައެއް މީހުން ވަނީ ވެކްސިނަކީ ދޭންޖެހޭ އެއްޗެއްކަން އެމީހުންނަށް ވިސްނައިދިނުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެ ވައިބާ ގްރޫޕުގައި މެސެޖުކުރުން ވަނީ ހުއްޓާލާފައެވެ.

މި ވައިބާ ގްރޫޕުގެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކޮށްފައި މިވަނީ މީސަލްސް ވެކްސިން ނުޖަހާ ހުރި ކުއްޖެއްގެ ގައިން މީސަލްސް (ހިމަބިހި) ފެނި، އަދި އެ ބަލި ރާއްޖޭގައި ފެތުރެމުންދާތާ ސަރުކާރުން އިއުލާނުކޮށްފައި ވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!