ލޭބަ ކުއާޓާ އަޅައިދިނުމުން މިނިސްޓަރު ފައްޔާޒުގެ ޝުކުރުގެ ސިޓީއެއް ޗައިނާގެ ސަފީރަށް!
ޗައިނާ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 800 އެނދުގެ ޖާގަ ހިމެނޭ ލޭބަ ކުއާޓާގެ މަސައްކަތް ކުރު މުއްދަތެއްގައި ނިންމައިދިން ކަމަށްޓަކައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް އަށް ޝުކުރު ދަންނަވައިފިއެވެ.
ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ ފަރާތުން ލިބުނު ޝުކުރުގެ ސިޓީއެއް ލިބުމުން އުފާކުރައްވާ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއަކީ އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމުގައި ރަނގަޅު ބައިވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.
Glad to receive a letter of appreciation from Minister @faya_i acknowledging quick response and contributions of CSCEC to Government of Maldives call for building temporary labor quarters for up to 800 worker in Hulumale phase II.
We're good partners helping each other. pic.twitter.com/QP9zeTEdW4
— Amb. Zhang Lizhong (@AmbassadorZhang) June 10, 2020
ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަނުން އެއްވެސް އަގަކާ ނުލައި އިމާރާތްކޮށްދިން އެ ފެސިލިޓީގެ މަސައްކަތް ނިންމާލައި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރީ މީގެ ދެ ހަފްތާ ކުރިންނެވެ. އެޗްއާރްސީއެމްއިން އެ ފަހުން އެތަނަށް ޒިޔާރަތްކޮށް އެތަނުގެ ފެންވަރު ބަލާފައިވެއެވެ. އަދި އެ ޒިޔާރަތަށް ފަހު އެކުލަވާލި ރިޕޯޓުގައި ހަތް ކަމެއް ފުރިހަމަ ކުރަން އެ ކޮމިޝަނުން ހުށަހެޅިއެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައިވާ ގޮތުން ފެސިލިޓީގައި 70 މީހުންނަށް އެއްފަހަރާ ބޭނުން ކުރެވޭ ދެ ފާހާނާ ބަރި ހުރެއެވެ. ކޮންމެ ފާހާނާ ބަރިއެއްގައި 35 ފެންވަރާ މާގަނޑާއި، 42 ފާހާނާ ތަށި އަދި މޫނު ދޮންނަ ތައްޓާ އެކު ހަ އިސްކުރު ވަކިން ބަހައްޓާފައި ހުރެއެވެ. ފާހާނާ ތަށިތައް ބަހައްޓާފައި ހުރި ކޮންމެ ތަނެއްގައި ދޮރުފަތާއި ތަންޑު ހަރުކޮށްފައި ހުރެއެވެ. އަދި މުސްލިމް ޝަވަރުވެސް ހުރެއެވެ.