ރިޕޯޓު

ދުޅަހެޔޮ ސިއްހަތު: ﷲ ތިބާއަށް ދެއްވި ކިހާ ބޮޑު ނިއުމަތެއް

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން މިއަދު މުޅި ދުނިޔެ މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ކޯވިޑް 19 ޖެހިގެން ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ހާސް މީހުންނެއް ދަނީ މަރުވަމުންނެވެ. މި ބަލި ޖެހިގެން އެތައް ހާސް މީހުންނެއް ދަނީ ކޮންމެ ދުވަހަކު ފަރުވާ ހޯދަމުންނެވެ. ނުރައްކާތެރި ބަލި މަޑުކަމެއް ފެތުރެމުން ދާ މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ދޭހަވާ އެއްކަމެއް ވެއެވެ. އެއީ ދުޅަހެޔޮ ސިއްހަތަކީ ގަދަކީރިތިވަންތަ އިލާހް އަހަރެމެން އިންސާނުންނަށް ދެއްވި ވަރަށް ބޮޑު ނިއުމަތެއް ކަމެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮންމެ ދުވަހަކު އެކި ކަހަލަ ބަލިތައް ޖެހިގެން އެތައް ހާސް މީހުން މަރުވަމުން ދާއިރު، އަހަރެމެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ނަސީބު ދެއްވި ކަމަށްޓަކައި ﷲ ތައާލާ އަށް ޝުކުރު ދަންނަވަން ޖެހޭނެއެވެ. ނުރައްކާތެރި ބަލިތަކުން އަހަރެމެން ރައްކާތެރިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ނަސީބު އަހަރެމެންނަަށް ދެއްވުމުން، އެކަމުގެ ބޭނުން ހިފާ ހެޔޮ އަމަލު ކުރުމުގެ އިތުރަށް އަވަދިނެތި އުޅެން ޖެހެއެވެ.

ޝައްކެއްވެސްނެތެވެ. ދުޅަހެޔޮ ސިއްހަތަކީ އެކަލާނގެ އިންސާނާއަށް ދެއްވި އެންމެ ބޮޑު އެއް ނިއުމަތެވެ. އެހެންނަމަވެސް ހިތާމައަކީ، ބައެއް މީހުން އެކަން ނުދަނެ، ހަށިގަނޑަށް ގެއްލުންވާ އެކި ކަންކަން ކުރާތީއެވެ. ގަދަ ކީރިތިވަންތަ ﷲ ތައާލާ އަހަރެމެންނަށް ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުމުން، އަހަރެމެން ސިނގްރޭޓް ފަދަ ހަށިގަނޑަށް ގެއްލުންވާ ތަކެތި ބޭނުން ކުރަންވީ އެއް ނޫނެވެ. އޭގެ ބަދަލުގައި އަމިއްލަ ސިއްހަތަށް ރަނގަަޅަށް ފަރުވާތެރިކަމާއިއެކު ބަލައި، އީމާންތެރިކަން އިތުރު ކުރަންވީއެވެ.

ދުޅަހެޔޮ ސިއްހަތަކީ މާތް ﷲ އަހަރެމެންނަށް ދީފައިވާ ނިއުމަތަކަށް ވާއިރު އަމިއްލަ ހަަށިގަނޑަށް ގެއްލުންދީ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރާނީ، ހަމަޔަގީނުންވެސް އެ ނިއުމަތަށް ޝުކުރުވެރި ނުވާ މީހުންނެވެ. ގަދަ ކީރިތިވަންތަ އިލާހް އަހަރެމެންނަށް ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވީ އެކަލާނގެއަށް އަޅުކަން ކޮށް ހެޔޮ އަމަލު ކުރުމުގައި ދެމި ތިބުމަށެވެ. އަހަރެމެން އަވަސްވެގަންނަންވީ ވަގުތު ފާއިތު ނުވަނީސް، އަހަރެމެންނަށް މާތް ﷲ ދެއްވި ދުޅަހެޔޮ ސިއްހަތުގެ ބޭނުން ރަނގަޅަށް ހިފައިގެން އެކަލާނގެ އެންގެވި މަގުން ހިނގާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!