ކުރިއެކޭ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް ހަމަޖައްސައިފި
ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ކުރިން ގެނައި އިސްލާހު ބާތިލުކޮށް، ކުރިއެކޭ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީ އިން މޭ މަހުގެ 16 ވަނަ ދުވަހު ނެރުނު ސާކިއުލާގައި ދައުލަތުގެ މުވައްޒަފުންގެ އިތުރުގަޑިއާއި ބެހޭ ގޮތުން އެ ސާކިއުލާގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލުކުރެވިފައިވާ ކަމަށެވެ.
އެ ބަދަލާ ގުޅިގެން އެ މިނިސްޓްރީން މޭ މަހުގެ 20 ވަނަ ދުވަހު ނެރުނު ސާކިއުލާއަށް ވެސް އަމަލުކުރަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީ އިން ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާތަނަށް ގޮތްގޮތަށް އަމަލުކުރަމުން ދާތީ އާއި ދައުލަތުގެ އޮފީސްތަކުން އިތުރުގަޑީގައި ފައިސާ އަށް ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުން އަންނާތީ އާއި ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ލޮޅުމެއް ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދި ހަމަ ހަމަ އުސޫލަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް އެ މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅުތަކާއެކު، ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ މަހުގެ 20 ވަނަ ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުވަތަ އޯވަޓައިމް (އޯޓީ) ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.