ޚަބަރު ރައްޔިތުންގެ މަޖިލިސް

އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ ގައިޑްލައިން ހަދައި އެޗްޕީއޭއީން އީސީއަށް ފޮނުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ ގައިޑްލައިން އެޗްޕީއޭއިން އެކުލަވާލާ އިލެކްޝަންސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުއްވައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިޚާބު ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ގައިޑްލައިން އެކުލަވާލައި އެޗްޕީއޭއިން މިއަދު އެކޮމިޝަނުގެ މަޝްވަރާއަށް ފޮނުއްވާފައިވާ ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އީސީއިން ވިދާޅުވެފައި ވަނީ އިންތިހާބު ބޭއްވެން އޮންނާނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއްވެސް ދެވޭ ގޮތަށެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު އެ ފުރުސަތު ހުޅުވާލާ ގޮތަށް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ.

މިހާރު ޤާނޫނު ބުނާ ގޮތުން އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަން ޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަން ޖެހޭނެކަމަށްވެސް އަލަށް ގެނައި އިސްލާހުގައިވެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަން ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ބޭއްވޭނެ ގޮތަށް ކަމަށް ވެސް މި އިޞްލާހުގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!