ރިޕޯޓު

ކޮވިޑް19 ފަތުރަނީ މިސްކިތްތަކުން!

ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ގޮތްތަކެއް ކަނޑައެޅިއްޖެއެވެ. ކޮވިޑް19 އަށް ފައްސިވާ މީހުން މަދުވެ ބަލިން ރަނގަޅުވާ މީހުން އިތުރުވަމުން ދިޔުމަކީ ހެޔޮ ފާލެކެވެ. ކޮވިޑް19 އާއިއެކުގައި އައު އާދަތަކަކަށް އަހުލުވެރިވެ އާއްމު ހާލަތަށް ބަދަލުވުމަށް މަސައްކަތްކުރުމަކީ ހަމަ ރަނގަޅު ކަމެކެވެ. ގިނަބަޔަކު އެދިއެދި ތިބި ކަމެކެވެ. 24 ގަޑިއިރު އަތުން ފައިން މަސައްކަތެއް ނުކޮށް އަގަޔާއަތާ ދިމާނުވާ ހާލަތުގައި ގޭ ބަންދުގައި ތިބުމަކީ ކޮވިޑް19 އަށް ވުރެ ވަކީން ބިރުވެރިކަން ކުޑަކަމެއް ނޫނެވެ. ކޮވިޑް19 އަށް ހުއްޓި ހުރިހާ ކަންކަމަކުން އަތް ދޮވެލައިގެން ގައިދުރުވެ ގޭބަންދުގައި އަބަދު ތިބުމުން ލިބޭ އަނިޔާއެއް ވަކިން ކުޑައެއްނޫނެވެ. އާއްމު ބަލިތަކަށް ބޭސް ފަރުވާ ކުރަން ޖެހިފައި އޮތީ އޮންލައިނުކޮށެވެ. އެކަށީގެންވާ އަޅާލުމާ ފަރުވާ ނުލިބިގެން މާބަނޑަށް ކުދިން މަރުވާން ފަށައިފިއެވެ. ގިނަ ބައެއްގެ ޖީބު ހުސްވެ ކައިބޮއެ އުޅޭނެ ފަދަ ނެތިއްޖެއެވެ. ބޯހިޔާވަހިކަން ގެއްލި މަގުމަތިވެފައި ތިބީ މަދުބައެއް ނޫނެވެ.

މަސްތަކަކަށްފަހު ރާއްޖޭގައި ފާހަގަކުރެވޭވަރުގެ ބޮޑެތި ލުއިތަކެއް ފުރަބަންދަށް ދިނުމަށް ހަމަޖެހިއްޖެއެވެ. ފުރަމާލެ ސަރަހައްދު ނޫން ރަށްރަށުގައި އެއްރަށުން އަނެއްރަށަށް މީހުން ގޮސް އުޅުމަށް ޚާއްޞަ ހުއްދައެއް ނަގާކަށް ނުޖެހެއެވެ. ފުރަމާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރިފައި އޮތްނަމަވެސް ބޮޑެތި ލުއިތަކެއް ދިނުމަށް މިހާރު ކަނޑައެޅިއްޖެއެވެ. މަސައްކަތު ސައިޓްތަކުގައި މަސައްކަތު މީހުން ނެރެގެން މަސައްކަތް ކުރުމަކަށް ގޮތްތަކެއް އޮތީ ހަދާދީ ލުއިކޮށްދީފައެވެ. ޓެކްސީ ކުރަންވީއެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރުމަށް އޮތް ގިނަ ހުރަސްތަކަށް ކުރިއްސުރެ ލުއިތަކެއް އައީ ދެމުންނެވެ. ފަތުރުވެރިން ރާއްޖެ އައުމަށް ވަނީ ހުޅުވާލުމަށް ތައްޔާރުވެފައެވެ. އެތެރޭގެ އާއްމު އުދުހުންތަކަށް އެއަރޕޯޓްތައް ހުޅުވާލެވެނީއެވެ. މާލެ ސަރަހައްދުން ރަށްރަށަށް ދާމީހުން ހޯމްކަރަންޓީނަށް ފޮނުވަން ފަށައިފިއެވެ.


އާއްމު ފިހާރަތައް ހުޅުވާލައި ވިޔާފާރި ކުރުމަކަށް ހުރަހެއްނެތެވެ. ކެފޭ ހޮޓާރެސްޓޯރެންޓް ތަކުން ޓޭކްއަވޭ ޚިދުމަތް ދެވެއެވެ. އުމުރުން ދުވަސްވީ މީހުންނާއި ކަސްރަތަށް ނިކުމެ އުޅެން ބޭނުންވާ މީހުންނަށް ކޮންމެ ދުވަހަކުވެސް ވަކިގަޑިތަކެއްގައި ހުއްދައެއް ނެގުމަކާނުލާ ނިކުމެއުޅުމުގައި އެއްވެސް މައްސަލައެއްނެތެވެ. ކުޑަކުދިންވެސް ހަވީރު ބޭރަށް ނިކުމެގެން އުޅެންވީއެވެ. ހަވީރާއި އިރާކޮޅު އެއްވެސް ހުއްދައެއް ނެގުމަކާ ނުލާ އާއްމުކޮށް ބޭރަށް ނިކުމެ ހިނގާބިނގާވެ އުޅެންވީއެވެ. މާރުކޭޓްތަކާއި އާއްމު ވިޔަފާރިއަށް ހުޅުވާލެވެނީއެވެ. ޕާކްތަކާއި މައިޒާންތައް ހުޅުވާލައި އާއްމު ގައިދުރުކަން ހިފަހައްޓައިގެން އައު އާދަތަކަށް އަހުލުވެރިވެގެން ހަމަ އުޅެނަގަންވީއެވެ. އޭރަކުން ކޮވިޑް19 އަށް މީހުން ފައްސިއެއް ނުވާނެއޭ ބުނާ ކަހަލައެވެ.

ބޮޑުތަނުން ކޮވިޑް19 އަށް މީހުން ފައްސިވަނީ ކީއްވެކަން މިހާރު ޔަޤީނާ ގާތަށް އެނގިއްޖެ ކަހަލައެވެ. ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށުމުގެކުރިން ހޮޓާކެފޭ ރެސްޓޯރެންޓުތައް ބަންދު ކުރުމުގެ ކުރިންވެސް މިސްކިތަށް ބަންދު ކޮށްފިއެވެ. ބޮޑެތި ބޮޑެތި ލުއިތައްދީ ނިކުމެ އުޅުން ހިފެހެއްޓުމެއް ނެތި ދޫވަމުން ދާއިރުވެސް ޖަމާޢަތުގައި ނޫންނަމަވެސް މިސްކިތްތަކަށް އަރާ ނަމާދުކޮށް އުޅުމަކީ އަދިވެސް މަނާކަމެކެވެ. ފުރަބަންދުގެ ބޮޑު ލުއި ލިބޭ އިރުވެސް މާލެ ސަރަހައްދުގައި މިސްކިތަށް ހުޅުވާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. އަންނަ މަހު އެކަކުން ފެށިގެން ކޮވިޑް19 ވަރަށް ބޮޑަށް ފެތުރިފައިވާ ގައުމުތަކުން ޓޫރިސްޓުން އަންނަން ހުއްދަ ދޭއިރުވެސް މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ނަމާދުކޮށް އުޅޭކަށް ހުއްދައެއް ނުދެއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ކޮވިޑް19 އިން ރައްކާތެރި ވުމުގެ އެންމެ މުހިންމު އެއްފިޔަވަޅަކީ އަތްދޮވުމެވެ. މިސްކިތްތަކަށް ނަމާދަށް އަރަނީ ވުޟޫއުކޮށްގެން ސާފުތާހިރު ކަމާއެކުގައެވެ. އެވެސް ފަސް ފަހަރުއެވެ. އަދި ދާދި ކުޑަ ވަގުތުކޮޅަކަށެވެ. ޕާކްތަކާއި ފިހާރަތަކާއި މާރުކޭޓްތަކާއި ހުޅުވާލުމުން ނުފެތުރޭބައްޔެއް އެވަގުތުކޮޅުގެ ތެރޭގައި މިސްކިތުން ފެތުރެންވީ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނެއެވެ.

އަންތަރީހެއް ނުވާނެ ހެއްޔެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބްހާނަހޫ ވަތަޢާލާ ފަސްވަގުތު ނަމާދުކުރުން ފަރުޟު ކުރައްވާ ޖަމާޢަތުގެ ނަމާދުގެ ސަވާބު އިތުރުކުރައްވާ މިސްކިތްތަކަކީ ބިންމަތީގައި ވާ އެކަލާނގެ ގެކޮޅުތައް ކަމުގައި ޝަރުޢުކުރެއްވި އިރު ކޮވިޑް19 ގެ ކަންކަން ދެނެވޮޑިގެން ނުވާނީ ހެއްޔެވެ. ނޫނެކެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ގެކޮޅުތައް ފަޅުކޮށްގެން ތިބެ އަރައިގަނެވޭނެ ބަލިމަޑުކަމެއް އޮންނާނެކަމަށް ގަބޫލުކުރުމަކީ އެއަށް ވުރެވެސް ބޮޑުވެގެންވާ ބަލިމަޑުކަމެކެވެ. ޗައިނާއާއި އިޓަލީއާއި ސްޕެއިންއާއި އެމެރިކާ ފަދަ ގައުމުތަކުގައި އޮބި ނޯންނަވަރަށް ކޮވިޑް19 ފެތުރުނީ މިސްކިތްތަކަށް އަރާ މީހުންގެ ބައިބޯ ކަމުން ހެއްޔެވެ.

ޒަރޫރީ ހުރިހާކަންކަމަށް ލުއިތައް ދީ ނިމޭއިރު އެންމެ ކުރިން ބަންދުކޮށް އެންމެ ފަހުން ހުޅުވާލާ ތަނަކީ މިސްކިތްތަކަށް ވާތީ އުފެދޭ ސުވާލު ގިނައެވެ. މިސްކިތް ހުޅުވުމުގެ ޒުރޫރަތްތެރިކަން ހަމަ ނެތީހެއްޔެވެ. ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ތެރޭގައި ކްރިސްޓިއަނަކަށް ނުވަތަ ބުޑިސްޓަކަށް އޮންނަވަރުގެ ހަނިފުރުޞަތެއް މި މުޖުތަމަޢުގައި ދިވެހި މުސްލިމް ރައްޔިތުންނަށް އޮތުމަކީ އަރަތެކެވެ. އަޅެފަހެ، ކޮވިޑް19 ފަތުރަނީ މިސްކިތްތަކުން ހެއްޔެވެ.

އޭ މިތިބަ އިސްލާމީ ވެރިންނޭވެ. ﷲގެ ރަޙުމަތުން އުއްމީދު ކެނޑެނީ ކީއްވެހެއްޔެވެ. ސަބަބުތަކުގައި ހިފައިގެން ތިބެ ޖަމާޢަތެއްގެ ގޮތުގައި ﷲއަށް ކުއްތަން ވުމުން ނުލިބޭ ޝިފާއެއް ހޯދަން ތިޔައުޅެނީ ކޮންތާކުން ހެއްޔެވެ. ސިޓީ ކައުންސިލުން ހެއްޔެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!