ރޮނާލްޑޯ ޕެނަލްޓީ ބޭކާރުކޮށްލިނަމަވެސް ޔުވެންޓަސް ކޮޕަ އިޓާލިއާ ފައިނަލަށް
ކޮޕާ އިޓާލިއާ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި އޭސީ މިލާން ވާދަކުރި މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް ފުރަތަމަ ލެގުގައި ޖެހި އަވޭ ގޯލާއިއެކު ޔުވެންޓަސް ފައިނަލުން ޖާގަ ހޯދައިފިއެވެ.
ކޯވިޑް-19ގެ ސަބަބުން މެދު ކަނޑާލާފައި އޮތް އިޓަލީ ސީޒަންގެ ކުޅުން އަލުން ފެށި ކޮޕަ އިޓާލިއާ ސެމީ ފައިނަލު މެޗުންނެވެ. ފުރަތަމަ ލެގު މީގެ ކުރިން ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. ރޭގެ ކުޅުނު ދެވަނަ ލެގު ޔުވެންޓަސްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު އެއްވަރުވި ނަމަވެސް އަވޭ ގޯލުގެ ތަފާތުން ޔުވެންޓަސްވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.
ރޭގެ މެޗުގައި އޭސީ މިލާނަށް އުނދަގޫތަކެއް ދިމާވީ މެޗުގެ ސޯޅަވަނަ މިނެޓުގައި ފޯވާޑް އަންޓޭ ރެބިޗަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ. މިއީ ޔުވެންޓަސްގެ ޑެނީލޯއަށް އޭނާކުރި ފައުލަކަށް ރެފްރީ ދެއްކި ރަތްކާޑެކެވެ.
41 ހާސް ފައްސަތޭކަ މީހުންނަށް ވަދެވޭ ސްޓޭޑިއަމްގައި މި މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދައެވެ. މިމެދުގައި އޭސީ މިލާންގެ މަޝްހޫރު ފޯވާޑް ޒްލާޓަން އިބްރަހިމޮވިޗް ނުކުޅެއެވެ.
މި މެޗުގައި ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ޔުވެންޓަސްގެ ފޯވަޑް ރޮނާލްޑޯއަށެވެ. މެޗުގެ ކުރީކޮޅު އެޓީމަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. މި ޕެނަލްޓީގެ އިތުރުން ގޯލް ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިފައެއް ނުވެއެވެ.
އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ޔުވެންޓަސް ނިކުންނާނީ ސެމީ ފައިނަލްގައި މިރޭ ނަޕޯލީއާއި އިންޓަރ މިލާން ވާދަކޮށް މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މި ދެޓީމް ވާދަކުރި ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކުރީ ނަޕޯލީއެވެ.