އަގްސާ މިސްކިތުގެ "ބުޅާތަކުގެ ބައްޕަ" ނިޔާވެއްޖެ
މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި ތިންވަނައަށް އެންމެ މާތް މިސްކިތް ، މަސްޖިދުލްޢަޤްސާގެ ސަރަހައްދުގައި އުޅޭ ބުޅާތަކަށާއި ދޫނިތަކަށް 20 އަހަރު ވަންދެން ކާންދީ އުޅުނު ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޣައްސާން ޔޫނުސް ނުވަތަ އަބޫ އައިމަން ނިޔާވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ ކުރާ މި މާތް މަސައްކަތަށް ޓަކައި ވަނަމެއްގެ ގޮތުގައި އަބޫހުރައިރާ (ބުޅަލުގެ ބައްޕަ) ގެ ނަން ދީފައިވާ ޣައްސާން ނިޔާވީ ކޮވިޑް ބަލީގައި މިދިޔަ އަންގާރަ ދުވަހުއެވެ. ނިޔާވިއިރު އޭނާގެ އުމުރުން 73 އަހަރެވެ.
ބުޅަލާއި ދޫނިތަކަށް ކާން ދިނުމަށް ޣައްސާން ހަފްތާއަކު ފަސް ދުވަހު އަޤްސާއަށް ޒިޔާރަތް ކުރެއެެވެ. އޭނާގެ ގެ ހުންނަ އަރާރާ ސަރައްދުން އަގްސާއަށް ކުރާ މި ޒިޔާރަތަށް 90 މިނެޓު ހޭދަވެއެވެ. ޚަބަރުތައް ބުނާ ގޮތުގައި އަޤްސާ ސަރަހައްދަށް ޣައްސާން ވަނުމާއެކު އެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ބުޅާތަކަށް ޣައްސާން އެނގި އެތަނަށް ޖަމާވެއެވެ.
ބުޅާތަކަށް ކާން ދިނުމާ ގުޅޭ ގޮތުން އޭނާ ކުރީން ބުނެފައި ވަނީ އެ ޖަނަވާރުންނަށް ވެސް ރިޒްޤު ދެއްވަނީ ﷲ ކަމަށާއި އޭނާއަކީ އެކަމުގެ މެދުވެރިއެއް ކަމަށެވެ. އަދި އެ ތަކެއްޗަށް ކާން ދިނުމުގެ ޒިންމާ އަދާ ކުރެވޭ ކަމީ ﷲ އޭނާއަށް ދެއްވި މަތިވެރިކަމަކާއި އިއްޒަތެއް ކަމުގައި ވެސް ޣައްސާން ބުނެފައި ވެއެވެ.
ޖަނަވާރުންނާ މެދު ޣައްސާން މިފަދަ އިހްސާންތެރި ކަމެއް ބަހައްޓަމުން ގެންދިޔައިރު އޭނާ ފާހަގަ ވެފައި ވަނީ ކުޑަކުދީންނަށާއި ނިކަމެތީންނަށް ވެސް އިހްސާންތެރި އިންސާނެއްގެ ގޮތުގައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޖަނަވާރުންނަށް ކާންދިނުމަށް އޭނާއަށް ހިތްވަރު ލިބި އެކަން ކުރުމަށް ޝައުޤު އުފެދުނީ ރަސޫލުﷲ ޢަލައިހި ވަސައްލަމަގެ މާތް ޞަޙާބީ ޢަބުދުއްރަޙްމާން އިބްނު ސަޚްރު ނުވަތަ އަބޫ ހުރައިރާގެ އެ ޢަމަލުފުޅުގެ ސަބަބުންނެވެ. ޙަދީޘް ޢިލްމުގައި އަރާ ހުންނެވި އެ މާތް ޞަޙާބީއަށް އެ ނަން ދެވުނީ ވެސް އެކަލޭގެފާނު ބުޅަލާމެދު ބެހެއްޓެވި އިހްސާންތެރި ކަމަށްޓަކައެވެ.