ވިޔަފާރި

ކާޑުގެ މައުލޫމާތު ބޭންކު ތެރެއިން ލީކެއް ނުވޭ: ބީއެމްއެލް

ބޭންކުން އެއްވެސް ކާޑެއްގެ މައުލޫމާތު ލީކުވެފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބުނެފި އެވެ.

ބީއެމްއެލްއިން މިހެން ބުނީ، އެ ބޭންކުގެ ގިނަ އަދަދެއްގެ ކާޑުގެ މައުލޫމާތު ޑާކްވެބްގައި ލީކުވެފައިވާ ކަމަށް މީސް މީޑިއާގައި ދައުރުވަމުން ދިޔަ ހަބަރަކާ ގުޅިގެންނެވެ.

ބީއެމްއެލް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭންކުތެރެއިން ކާޑުގެ އެއްވެސް މައުލޫމާތެއް ލީކްނުވި ނަމަވެސް، ފިހަރަތަކާއި އޮންލައިން މާޗެންޓުން އަތުން ކާޑުގެ މައުލޫމާތު ލީކްވެދާނެ ކަމަށެވެ.

އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައި ވެދާނެ ކަމަށް ބީއެމްއެލްގެ ކާޑު ޕާޓްނަރަކު، ބޭންކަށް އަންގާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ގާތްގަނޑަކަށް 350 ކާޑު ހިމެނެ އެވެ.

ބީއެމްއެލް އިން ބުނީ މައުލޫމާތު ލީކްވި ކާޑުތައް މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. އަދި ރިޕްލޭސްމަންޓް ކާޑުތައް އެ ކަސްޓަމަރުންނަށް ދޫކުރަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.

މާޗަންޓުންގެ އަތުން މިގޮތަށް ކާޑުގެ މައުލޫމާތު ލީކްވިނަމަވެސް ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން އޮންނާނެ ކަމަށާއި މާލީ އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!