އަނބިމީހާގެ ނަމުގައި ފޭކް ސްކްރީން ޝޮޓްތަކެއް ޝާހީން ދައުރުކޮށްފި
ލ. ގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝާހީން އޭނާގެ އަނބިމީހާއަށް އަނިޔާ ކުރާތާ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެނައުމުން އަނބިމީހާގެ ނަމުގައި ފޭކް ސްކްރީން ޝޮޓްތަކެއް އޭނާ ދައުރުކޮށްފިއެވެ.
އޭނާގެ އަނބިމީހާގެ އާއިލާގެ މީހަކު ބުނީ އަނބިމީހާގެ ފޭސްބުކު ސްކްރީން ޝޮޓްތަކެއް ކަމަށް ހަދައި ފޭކް ސްކްރީން ޝޮޓްތަކެއް ޝާހީން ސޯޝަލް މީޑިއާގައި ދައުރުކުރީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އޭނާގެ ގާތް ބަޔަކު ލައްވައި ކަމަށެވެ. އެ ސްކްރީން ޝޮޓްގައި ލިޔެފައި ވަނީ ޝާހީން އަނބިމީހާއަށް އަނިޔާ ކުރާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.
މި ނޫހުގެ ފަރާތުން ވެސް ވަނީ އޭނާގެ އަނބިމީހާގެ ފޭސްބުކު އެކައުންޓު ބަލައިފައެވެ. ނަމަވެސް ދައުރުކުރަމުންދާ ސްކްރީން ޝޮޓްގައިވާފަދަ އެއްވެސް ވާހަކައެއް އެ އެކައުންޓުގައި ނެތެވެ.
އަނބިމީހާގެ އާއިލާގެ މެމްބަރަކު ބުނީ އެއީ ނުވާ ކަމެއްގެ ގޮތުގައި މީހުންނަށް ދައްކަން އޭނާ އުޅުނަސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި ގަމު ޕޮލިސްޓޭޝަނަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅާފައި ކަމަށެވެ.
"ހަނގު އަނބީގެ މަންމަ އަށް ވަރަށް ރަނގަޅަށް އެނގޭނެ މިކަން. އަދި މިރަށުގެ އެތައް ބަޔަކަށް އެނގޭނެ މިކަން. މިއީ ނުވާ ކަމެއް ކަމަށް ނެހެދޭނެ" އޭނާ ކިޔައިދިނެވެ.
ޝާހީން ދިރިއުޅެނީ ހަނގު އަނބީގެ މަންމަގެ ގޭގައި ކަމަށާއި މަންމަ ކުރިމަތީގައި ވެސް އަނބިމީހާއަށް އޭނާ އަނިޔާ ކުރާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިިދިނެވެ.
"ހަނގުއަނބީގެ މަންމަ ވެސް ހުންނަނީ ބިރުން. ޝާހީން އަނިޔާ ކުރާތީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިިދިނެވެ.
އޭނާ ބުނީ ދާދިފަހުން ތަޅުދަނޑި ފަތިން ވެސް އަނބިމީހާގެ ގައިގައި ތަޅައި ޝާހިން އަނިޔާ ކުރި ކަމަށެވެ.
އަނބިމީހާ އެހެން މީހަކާ ކައިވެނިކޮށްގެން ލިބުނު ކުޑަ ދަރިއަކު ހުންނަ ކަމަށާއި އެ ދަރިފުޅުގެ ކުރިމަތީގައި ވެސް ޝާހީން އަނިޔާ ކުރާ ކަމަށް އެމީހާ ކިޔައިދިނެވެ.
"ކަރުގަ ވަރަށް ބާރަށް ހިފާ އަދި ގައިގެ އެކި ތަންތަނުގައި ބާރަށް ތަޅައި ތަކުރާރުކޮށް އަނިޔާ ކުރަމުން ދަނީ،" އެމީހާ ކިޔައިދިނެވެ.