މާދަމާގެ ޖަލްސާ ވެސް އިދިކޮޅުން ބޮއިކޮޓްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ މެމްބަރުން ބޮއިކޮޓް ކޮށްފިއެވެ.
އިދިކޮޅު މެމްބަރުން ވަނީ މިދިޔަ ހަފްތާގައި ބޭއްވި ތިން ޖަލްސާ ވެސް ބޮއިކޮޓް ކޮށްފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެންގެވުމަށް ހިންގެވި އަނިޔާވެރި އަމަލުތަކާ ގުޅިގެން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އެތައް އަނިޔާތަކެއް ލިބިފައިވާއިރު މިކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސް ރަސްމީކޮށް މައާފަށް އެދިފައިނުވާ ކަމަށެވެ.
އަދި އިދިކޮޅު މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރެވިފައިނުވާތީ އާއި މިކަމާ ގުޅިގެން ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގައި މިހާތަނަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ތަހުގީގަށް ހާޒިރުކޮށްފައިނުވާ ކަމުގެ މައުލޫމާތު ލިބިފައިނުވާތީ އާއި ދައުލަތުގެ ތަހުގީގީ އިދާރާއަކުން މިކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ މާދަމާގެ ޖަލްސާ ވެސް އިދިކޮޅުން ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މައިނޯރިޓީގެ ހިއްސާއެއް ނެތި މަޖިލިސް ހިންގުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިކަމުގެ ޒިންމާ ނަންގަވަންޖެހޭނީ ސީދާ މަޖިލީހުގެ ރައީސް ކަމަށްވެސް އިދިކޮޅުން ބުނެއެވެ. އަދި މަޖިލީހުގައި ހިނގާދިޔަ ކަންތައްތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިންސާފުވެރިކަމާ މިނިވަންކަމާއެކު ވީހާވެސް އަވަހަށް ބެލުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.