ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 10 ގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ކަނޑައަޅައި، އެގޮތަށް ނިންމައިފިއެވެ.

ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް އެކުލަވާލާފައި އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި މަހުގެ ނުވަ ވަނަ ދުވަހަށް ވުރެ ފަހުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމުގެ ބާރެއް އީސީއަށް ލިބިފައިނުވާ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ލަފާ ދީފައިވާ ކަމަށާއި އޭގެ ކުރީ ތާރީޚެއް އިއުލާން ކޮށްފިނަމަ، މަޖިލީހުގެ ރުހުން ހޯދައިގެން ފަސް ކުރަން އޮތް ފުރުސަތު ގެއްލޭ ކަމަށެވެ.

އަދި މި ސަބަބުތަކަށްޓަކައި އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށާއި އެ ތާރީޚުގައި އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ނިންމީ އިންތިހާބުގެ ވަގުތީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނެސްފައިވާ އިސްލާހުތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަން ވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

މިހާރު ޤާނޫނު ބުނާ ގޮތުން އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަން ޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށް ވެސް އަލަށް ގެނައި އިސްލާހުގައި ވެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފްޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަން ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ބޭއްވޭނެ ގޮތަށް ކަމަށް ވެސް މި އިޞްލާހުގައި ވެއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް ހުކުރު ދުވަހު ފަށާނެ ކަމަށެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 100 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!