ސިއްޙީ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ސިޓީތަކުގެ ތެރޭގައި، މަދީނާ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ސިޓީތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މަދީނާ ހިމެނިއްޖެއެވެ.
ރަސޫލާ (ޞޢޥ) ގެ މިސްކިތް ވެސް ގާއިމް ކޮށްފައިވާ މަދީނާ އަށް ޒިޔާރަތް ކުރި ޑަބްލިއުއެޗްއޯގެ ޓީމަކުން ބުނެފައި ވަނީ ސިއްހީ މިންގަނޑަކަށް ފެތޭ ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް އެސިޓީގައި ފުރިހަމަ ވެފައިވާ ކަމަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑަށް ފެތޭ ސިޓީތައް ކަނޑައެޅުމުގައި 22 ގައުމެއްގެ ސަރުކާރާއި ޗެރިޓީ އަދި ވޮލަންޓިއާ އެޖެންސީތަކުން ވަނީ އެޖަމިއްޔާއަށް އެހީތެރިކަން ފޯރު ކޮށްދީފައެވެ.
މީހުންގެ ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމާއި އިޖްތިމާއީ ވެށި ތަރައްގީވުމާއި މުޖްތަމައުގެ ވަސީލަތްތައް ފުޅާވުމާއި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ މިންވަރު، ޑަބްލިއުއެޗްއޯގެ ސިއްހީ މިންގަނޑަށް ފެތޭ ސިޓީތައް ބެލުމުގައި ހިމެނެއެވެ. އެޖަމިއްޔާގެ ސްކީމުގެ ބޭނުމަކީ ތިމާވެއްޓާއި އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމުން ސިއްހަތަށް އަސަރުކުރާ މިންވަރު ކުޑަކުރުން ކަމުގައި މައުލޫމާތު ލިބެއެވެ.