ޚަބަރު

އެޗްޕީއޭގެ އުސޫލުގެ ސަބަބުން ލޯކަލް އިންތިހާބުގެ ހަރަދު 95 މިލިއަނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ މިހާރު ބަޖެޓު ކޮށްފައިވާ އަދަދަށްވުރެ އިތުރަށް 44.9 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އެ ކޮމިޝަނުން ވަނީ އިންތިހާބު އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް މިއަދު ފާސްކޮށްފައެވެ.

ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް އެކުލަވާލާފައި އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ މެންބަރު ފުވާދު ތައުފީގު ވިދާޅުވީ، މިދިޔަ އަހަރު ބާއްވަން ޖެހޭ އިންތިހާބަށް އީސީން އެންމެ ފުރަތަމަ ހުށަހެޅީ 71 މިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ދީފައި ވަނީ 51.6 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި އެ އަދަދަކީ އިންތިހާބު ބާއްވަން ވަރަށް ދަތި އަދަދެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މިހާރު އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ބާއްވާނަމަ، މިހާރު މިނިސްޓްރީން ދީފައިވާ އަދަދު ދެގުނަ ވެގެންދާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، މިހާރު ބަޖެޓު ލިބިފައިވާ އަދަދަށްވުރެ 44.9 މިލިއަން ރުފިޔާއާއެކު، އިންތިހާބު ބޭއްވުމުގެ ހަރަދު 95 މިލިއަނަށް ވުރެ އިތުރުވާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އޮފިޝަލުން އިތުރު ކުރަން ޖެހުމާއި، ގައިދުރުމިން ކަށަވަރުކުރަން ފްލޯ މެނޭޖަރުން އިތުރު ކުރުމާއި، ވޯޓުލާ މީހުންގެ ހުން ބެލުމާއި ތަން ޑިސްއިންފެކްޓު ކުރުން ފަދަ އެތައް ކަމަކަށް ފައިސާ ހަރަދު ވެގެން ދާނެ ކަން އޭނާ ފާހަގަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!