ސްކޫލުތަކުގައި ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމު މެދުކަނޑާލަނީ
އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު، ރާއްޖޭގެ ސްކޫލުތައް ހުޅުވާއިރު، ކުރިން ކުރިއަށް ގެންދާ ނާސްތާ ޕްރޮގްރާމު މި ދުވަސްކޮޅަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކަށް ދަރިވަރުން ފޮނުވާއިރު އެކުދިންނަށް އެއްޗެއް ކާންދިނުމަށް ފަހު ފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.
އެގޮތުން ވިދާޅުވީ ކިޔެވުން ފެށޭ ދުވަސްވަރު ނާސްތާ ޕްރޮގްރާމު ސްކޫލުތަކުގައި ކުރިއަށް ނުދާނެ ކަމަށެވެ. އަދި މިނިސްޓަރު ވަނީ މިހާރު ހަމަޖެހިފައިވާ ގޮތުން ބޯނެ ފެން ވެސް ހިފައިގެން ދާން ޖެހޭނީ ގެއިން ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑް-19 އާ ގުޅީގެން ރާއްޖޭގެ ސްކޫލުތައް ބަންދުކުރުމުގެ ކުރިން މިނިސްޓްރީން އައީ ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދެމުންނެވެ.
ދަރިވަރުންނަށް ހެނދުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައި އެ ޕްރޮގްރާމު ފެށީ ރާއްޖޭގެ 25 ސްކޫލެއްގައި ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނީ ނާސްތާ ދޭން ފަށާފަ އެވެ.