ޝިޔާމަށް އަނިޔާވި މައްސަލަ ކޮމިޓީން ބަލަން ނިންމައިފި
ގާނޫނޫ އަސާސީ އިސްލާހު ކުރުމަށް މި މަހުގެ ދެވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކާ ބެހޭ ކޮމިޓީ މިއަދު ބާއްވަން ނިންމައިފި އެވެ.
ޝިޔާމަށް އަނިޔާ ކުރުމުގައި ބައިވެރިވި މެންބަރުން ހޯދައި ސުލޫކު ކޮމިޓީން ތަހުގީގެއް ކޮށްދިނުމަށް އެދި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ. އަދި ރައީސް ނަޝީދު ވަނީ އެ ސިޓީ ދިރާސާ ކުރުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުވާފައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:30 އަށް ވަނީ ތަވާލުކޮށްފައެވެ.
މަޖިލީހުގައި ހިނގި އެ ހަމަނުޖެހުންތަކަށް ފަހު އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބަައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެއީ އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ނެތުމުން ކަމަށް އިިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
ޝިޔާމަށް އަނިޔާވި މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަ އިރު،، އެކަމަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.