ޚަބަރު

އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވަންޓުން މާދަމާއިން ފެށިގެން ސަސްޕެންޑުވާނެ - އީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ސިވިލް ސާރވިސް މުވައްޒަފުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑް ވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާދަމައިން ފެށިގެން ސިވިލްސާވިސްގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަޒީފާއިން ސަސްޕެންޑްވި ކަމަށް ސިވިލްސާވިސް ކޮމިޝަނުން އަންގާނެ ކަމަށެވެ. ނަމަވެސް ނަން އަނބުރައި ގެންގޮސްފައި ވާނަމަ ވަޒީފާ އަނބުރައި ރުޖޫޢަ ކުރެވޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ކަނޑައަޅައި، ވަނީ އިއުލާންކޮށްފައެވެ.

ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް އެކުލަވާލާފައި އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި މަހުގެ ނުވަ ވަނަ ދުވަހަށް ވުރެ ފަހުގެ ތާރީޚެއްގައި އިންތިހާބު ބޭއްވުމުގެ ބާރެއް އީސީއަށް ލިބިފައިނުވާ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ލަފާދީފައިވާ ކަމަށާއި އޭގެ ކުރީ ތާރީޚެއް އިއުލާން ކޮށްފިނަމަ، މަޖިލީހުގެ ރުހުން ހޯދައިގެން ފަސް ކުރަން އޮތް ފުރުސަތު ގެއްލޭ ކަމަށެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައި ވާއިރު، މިހާތަނަށް 100 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!