އަނެއްކާ އަނެއް ބިރުވެރިކަން: ފާއިތުވި 24 ގަޑިއިރު ތެރޭގައި 147 ބިންހެލުން
ގިނަ ބަޔަކު 2020 ވަނަ މި އަހަރު ސިފަ ކުރަމުން އަންނަނީ ހައްތަހާވެސް ދެރަ ކަންތައްތައް ދިމާވުމުގެ އަހަރެއްގެ ގޮތުގައެވެ. ކޮވިޑް19 އާ ގުޅިގެން ދުނިޔެ ބޮޑު ބަލިމަޑުކަމެއް ގައި ވަނިކޮށް އަނެއްކާ ވެސް މިވަނީ ދުނިޔެ ބޮޑު ބިރުވެރިކަމަކާ ކުރިމަތި ލާން ޖެހިފައެވެ.
އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ގައުމަށް މި ވަނީ 147 ބިންހެލުން އަތުވެފައެވެ. މި ބިންހެލުންތަކުގެ އަސަރު އަވައްޓެރި ޕާކިސްތާނަށް ވެސް ވަނީ ކޮށްފައެވެ.ރިޕޯޓުތައް ބުނާ ގޮތުގައި ޕާކިސްތާނަށް އައިސްފައިވަނީ 5.1 މެގްނިޓިއުޑް ގެ ބިންހެލުމެކެވެ. މި ބިންހެލުމުގެ އަސަރު ޕާކިސްތާނުގެ ފަސް ސަރަހައްދަކަށް ވަނީ ކޮށްފައެވެ.
މީގެ އިތުރުން ވެސް އެމެރިކާ، އާޖެންޓީނާ، ފިލިޕިންސް، ނިއުޒީލެންޑު، ގްރީސް އިންޑޮނޭޝިއާ، ތުރުކީ، އަދި މެކްސިކޯ ފަދަ ގިނަ ގައުމުތަކަށް ވެސް ތަފާތު އެކި އެކި މެގްނިޓިއުޑް ގައި ބިންހެލުންތައް އަތުވެފައެވެ.
ބިންހެލުންތައް އާދަޔާހިލާފަށް ގިނަވުމަކީ ޤިޔާމަތް ދުވަހުގެ ކުދި އަލާމާތްތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَكْثُرَ الزَّلَازِلُ))[1] "ބިންހެލުންތައް ގިނަވެއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމެއް ނުވާނެއެވެ.”
އަދި سَلَمَةُ بْنُ نُفَيْلٍ السَّكُونِي ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (فَذَكَرَ الحَدِيْث، وَفِيْهِ): ((وَبَيْنَ يَدَيِ السَّاعَةِ مُوَتَانٌ شَدِيدٌ، وَبَعْدَهُ سَنَوَاتُ الزَّلَازِلِ))[2] ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި އިށީނދެވަޑައިގެން ތިމަންމެން ބޭކަލުން ތިއްބެވީމުއެވެ. (ދެން ޙަދީޘް ކިޔުއްވިއެވެ. އޭގައި ވެއެވެ.): “ޤިޔާމަތާ ކައިރީގައި ގިނަ މަރުތަކެއް ވެއެވެ. އޭގެފަހުގައި ބިންހެލުންތައްގިނަ އަހަރުތަކެއް ވެއެވެ.”