ސޯޓުބުރިއާއި އިސްޓާކީނު ލައްވަންޖެހޭނީ މަޖިލިސް މެމްބަރުން: ނަވާޒް
އެމްޑީޕީގެ މެމްބަރުން ފުލުހުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ހޫނު ރައްދެއް ދެއްވައިފިއެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ބޯދިގު) ވަނީ ގޮވާލައްވާފައެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުން ފުލުހުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދެއް ދެއްވަމުން ނަވާޒު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުން ނިއްމައިފިނަމަ ފުލުހުންނަށް ސޯޓްވެސް ލެވިދާނެ ކަމަށާއި އެހެން ނަމަވެސް ސޯޓް ލައްވާފައި ދިގު އިސްޓާކީނު ލައްވަންޖެހޭނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ.
"ހާދަ ވަރަކަށޭ ފުލުހުން ސޯޓް ލައްވައި އިސްޓާކީނަށް ނޭރުވިގެން ތިޔަ އުޅެނީ." ނަވާޒް ވިދާޅުވިއެވެ.
ސަރުކާރުގައި ތިބެ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ އެކި ކުށްކުށުގެ ތުހުމަތު ކުރެވޭ ފުލުހުންނަށް ފިޔަވަޅު އެޅުމަށް ތާއީދު ކުރައްވާކަން ހަމަކުރައްވައި އަދި އެއީ މުހިންމު ކަމެއް ކަމަށް ނަވާޒް ވިދާޅުވިއެވެ.
"ތާއަބަދު ފުލުހުންނާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ކަން ނުކުރައްވާ ގެންނަން ވިދާޅުވި ރިފޯމޭޝަން ގެނަައުމުން ތިޔަ މައްސަލަ ހައްލުވާނެ ކަމަށް ފެނޭ. ކޮންމެ ސަރުކާރެއް އޮތަސް ފުލުހުންނަކީ ޚިދުމަތުގައި ތިބި ބަޔަކު ކަމުގައި ދަންނަންވާނެ." ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ނަވާޒް ވިދާޅުވިއެވެ.