އަލީ ހުސައިން، މިނިސްޓަރު އަމީރަށް: މިނިމަމް ވޭޖް ކަނޑައެޅުން ދެން އިތުރަށް ލަހެއް ނުކުރެވޭނެ!
މިނިމަމް ވޭޖް ކަނޑައެޅުން ދެން އިތުރަށް ލަހެއް ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން މި ވިދާޅުވީ މިއީ މިނިނަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ކަމެއް އިތުރަކަށް ހަލެއް ނުކުރެވޭނެ ކަމަށެވެ.
"2008 ގައި ކުރުމަށް ލާޒިމް ކޮށްފައިވާ ކަމަކަށް(މިނިމަމް ވޭޖް ކަނޑައެޅުން) މިހާރު 12 އަހަރުވީ." އަލީ ހުސައިން ވިދާޅުވިއެވެ.
Gaanoonee gothun laazim koffaivaa kameh ithurakah laheh nukureveyne. 2008 gai kurumah laazim koffaivaa kamakah mihaaru 12 aharuvee. https://t.co/ggOzSS8nyg
— Ali Hussain (@AleeVoice) June 17, 2020
މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ތާއީދުކުރައްވާ ކަމަށާއި ނަމަވެސް ފުރަތަމަ މަސައްކަތް ކުރަންވީ މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް އަނބުރާ ދިޔުމަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިގްތިސާދު މިއަހަރުގެ ކުރީކޮޅު އޮތް ހާލަތަށް ދާނީ 2022 ވަނަ އަހަރު ކަމަށް ލަފާކުރެވޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.
އަމީރު ވިދާޅުވީ ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބޭނީ 6،400 އަށް ވުރެ ދަށް އަދަދެއް ކަމަށެވެ. އެހެންކަމުން މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމުން، އިތުރު 2.3 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.