ޚަބަރު

ސަރުކާރު ދިފާއު ކުރަން "މިހާރު" ނޫހުން އަޅުގަނޑުގެ ނަން ބޭނުން ކޮށްގެން އެހެދީ ދޮގު : މުންދު

އާއިޝަތު އަލީނާ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންއާ ގުޅޭ ގޮތުން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުޙައްމަދު ޝަރީފް (މުންދު) ގެ ވާހަކަތަކަށް ފާޑު ވިދާޅުވެ "މިހާރު" ނޫހުން ގެނެސްދީފައިވާ ލިޔުމުގައި ވަނީ ދޮގުކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު ވިދާޅުވީ އެ ލިޔުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި މުންދު ވަނީ 30 ޖަނަވަރީ 2021 ގައި ނޫސްވެރިޔާ ނިއުމަތުﷲ އިދުރީސް ލިޔެފައިވާ އާޓިކަލްގައި އެމަނިކުފާނު ވިދާޅުވިކަމަށް ލިޔުއްވާ، އެމަނިކުފާނު ހެއްދެވީ ދޮގު ކަމަށް ތުހުމަތު ކުރައްވާފައިވާތީ، ތެދާއި ދޮގު އަދި ތެދުހެދި މީހަކާއި ދޮގުހެދި މީހަކު ދެނެގަނެ ފައިސަލާ ކޮށްލަން ބޭނުން ކަމަށް ވިދާޅުވެ ގިނަ ކަންތައްތަކެއް ހިއްސާ ކޮށްފައެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންއާ ގުޅޭ ގޮތުން މުންދު ވިދާޅުވީ 'ކޮވިޝީލްޑް' އަކީ 'އޮކްސްފޮޑް-އެކްސްޓްރަޒެނެކާ' ކަމަށް ސަރުކާރުން ބުނަމުންދިއުމަކީ، އުދުހޭ ހުރިހާ މަތިންދާބޯޓަކީ އެއަރ އިންޑިޔާއޭ ބުނުން ފަދަ ކަމެކެވެ.

" އާދޭހެވެ! 'ކޮވިޝީލްޑް' ވެކްސިން އަކީ 'ކޮވިޝީލްޑް' ވެކްސިންއެވެ. އުފައްދާފައި ވަނީ 'އޮކްސްފޮޑް-އެކްސްޓްރަޒެނެކާ'ގެ ސީޑް ފޯމިއުލާއިންނެވެ. އެކަމަކު އެއީ ހަމަ 'ކޮވިޝީލްޑް' އެވެ. 'އޮކްސްފޮޑް-އެކްސްޓްރަޒެނެކާ'އިން ތައްޔާރުކުރާ ވެކްސިން އެއް ނޫނެވެ. އެ ބާވަތް އަދި މަރުކާ ތައްޔާރު ކުރަނީ ދެތަނެއްގައެވެ. އިނގިރޭސިވިލާތާއި ދެކުނު ކޮރިޔާގައެވެ. 'ކޮވިޝީލްޑް'ތައްޔާރު ކުރަނީ އިންޑިޔާގައެވެ. ހުއްދައާ ގުޅޭ ކަންކަމުގައި ޑަބްލިޔު.އެޗް.އޯ އިން ވެސް ދަނީ މިތިން ތަނުގައި ތައްޔާރު ކުރާ ބާވަތްތައް ވަކިވަކިން ދިރާސާކުރަމުންނެވެ.

'ކޮވިޝީލްޑް' އަކީ 'އޮކްސްފޮޑް-އެކްސްޓްރަޒެނެކާ' ކަމަށް ސަރުކާރުން ބުނަމުންދިއުމަކީ، އުދުހޭ ހުރިހާ މަތިންދާބޯޓަކީ އެއަރ އިންޑިޔާއޭ ބުނުން ފަދަ ކަމެކެވެ." މުންދުގެ ބަޔާނުގައި ވެއެވެ. 

މުންދުގެ މި ބަޔާނުގައި ވަނީ ޑަބްލިޔު.އެޗް.އޯ ގެ ވެބްސައިޓްގައި ފެންނަން ހުންނަ، ވެކްސިން ތަހުލީލާ ގުޅޭ އަޕްޑޭޓް ވެސް ދެއްވާފައެވެ.

"ތާވަލުގެ 2 ވަނައިގައި އެއޮތީ އިނގިރޭސިވިލާތުގައި އުފައްދާ 'އޮކްސްފޮޑް-އެކްސްޓްރަޒެނެކާ' ވެކްސިން (އޭ.ޒެޑް.ޑީ.1222) މަރުކާގެ ވާހަކައެވެ. 3 ވަނައަށް އެއޮތީ 'އޮކްސްފޮޑް-އެކްސްޓްރަޒެނެކާ' އިން އެސް.ކޭ ބަޔޯ އާ ގުޅިގެން ދެކުނު ކޮރިޔާގައި އުފައްދާ 'އޮކްސްފޮޑް-އެކްސްޓްރަޒެނެކާ' ވެކްސިން (އަނެއްކާވެސް އޭ.ޒެޑް.ޑީ.1222) މަރުކާގެ ވާހަކައެވެ. އަދި، 4 ވަނައިގައި އޮތީ އިންޑިޔާގެ ސީރަމް އިންޓިޓިއުޓުން އުފައްދާ 'ކޮވިޝީލްޑް' މަރުކާގެ ވާހަކައެވެ. މިއީ އެކައްޗެއްތޯ ނުވަތަ ނޫންތޯ މިވަރު ވެސް ސާފު ވާނެއެވެ. މިމަޢުލޫމާތު މިޙިއްޞާކުރީ، އަޅުގަނޑު ދައްކާ ވާހަކައަކީ އަބަދުވެސް ދިރާސާގެ އަލީގައި އަދި ކިތާބީ ހެތްކާއެކު ދައްކާ ވާހަކަކަން ހާމަކުރުމަށް އެކަންޏެވެ." މުންދު ވިދާޅުވެފައި ވެއެވެ.

މުންދު ވިދާޅުވީ އިންޑިޔާއާއި ޔޫރަޕް، މީހުންގެ ހިތްތަކުގައި، ފެންވަރާއި ފަންވަރުން ތަފާތުކުރަން މަސައްކަތްކުރަނީ އެމަނިކުފާނު ނޫން ކަމަށާއި ސަރުކާރުން ކަމަށެވެ. އެހެން ނޫންނަމަ، ކޮވިޝީލްޑް އަކީ އެހެން އެއްޗެއްކަމަށް (ޔޫރަޕްގެ އެއްޗެއްކަމަށް) ދޭހަވާގޮތަށް ވާހަކަދައްކާ އޭގެ ނަން ބަދަލުކޮށް އިޝްތިހާރު ކުރުމުގެ ބޭނުމެއް ކޮބައިތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

މުންދު ވިދާޅުވީ 'ކޮވިޝީލްޑް'އަކީ ގޯސް އެއްޗެކޭ އެންމެ ފަހަރަކު ވެސް ނުދަންނަވާ ކަމަށާއި އެގޮތަށް ދޭހަވާ އެއްޗެއް ވެސް ނުދަންނަވާ ކަމަމެވެ. އެމަނިކުފާނު ފާހަގަ ކުރެއްވީ 'ކޮވިޝީލްޑް'އަށް އަދި ޑަބްލިޔު.އެޗް.އޯ ގެ އެމަރޖެންސީ އެޕްރޫވަލް ނުލިބޭ ވާހަކަ ކަމަށެވެ.

"އެޕްރޫވަލް ލިބުމުން، އެމަރޖެންސީގައި ޖަހަން ޖާއިޒު އަދި މުނާސަބު ފަރާތްތަކަށް އެ ވެކްސިން ޖެހުން ރަނގަޅުކަމަށް ވެސް ދެންނެވީމެވެ. އެކަމަކު، މިވަގުތު ނޫން ކަމަށެވެ. އަދި، އެމަރޖެންސީ އެޕްރޫވަލް ލިބުމުންވެސް އެފަދަ ގިންތިއަކަށް ނުފެތޭ ރައްޔިތެއްގެ ގަޔަށް ޖަހަން ނުފެންނަ ކަމަށް ދެންނެވީމެވެ. ހަމަ އެއާއެކު، ނަން ނޯޓުކޮށްގެން ޖެހުން ރަނގަޅު ނޫން ކަމަށް ދެންނެވީމެވެ.

'ސީރަމް އިންސްޓިޓިއުޓް' އަދި އިންޑިޔާގެ ވެކްސިން އުފެއްދުމުގެ ނިސްބަތުގެ ވާހަކަ އަޅުގަނޑު ދެއްކީމެވެ. ތައުރީފުވެސް ކުރީމެވެ. ވީމާ، ލިޔުންތެރިޔާ އެ މަޢްލޫމާތު އަލުން ހިއްސާ ކުރެއްވުމުގައި އަޅުގަނޑު ދޮގު ހެދީކަމަށް ދޭހަވާ ގޮތަށް ލިޔުއްވުމަކީ ލިޔުންތެރިޔާގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭކަމެއް ދެއްތޯއެވެ." މުންދުގެ ބަޔާނުގައި ވެއެވެ. 

މުންދު ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ވެސް ޑަބްލިޔު.އެޗް.އޯ ގެ އެޕްރޫވަލް އަވަސް ވުން ކަމަށާއި އެމަނިކުފާނު ދެއްވި ނޫސް ކޮންފަރެންސްގެ ފަހުން (އިއްޔެ) އަނެއްކާ ވެސް އެކަމާ ގުޅިގެން ޑަބްލިޔު.އެޗް.އޯ އިން އިތުރު މަޢްލޫމާތު ވަނީ ނެރެފައި ކަމަށެވެ.

" 'ކޮވިޝީލްޑް'ގެ އެސެސްމަންޓް ކުރިއަށްދާ ގޮތުގެ މަޢްލޫމާތެވެ. އިމަރޖެންސީ އެޕްރޫވަލް ވަރަށް އަވަހަށް ލިބިދާނެކަމުގެ އުންމީދު ދިނެވެ. އަޅުގަނޑުގެވެސް އެދުމަކީ ހަދިޔާއަކަށް ލިބިފައިވާ އެއްޗެއް އިސްރާފު ނުވުމެވެ. މުއްދަތު ހަމަވުމުގެ ކުރިން އޭގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ މަގު ތަނަވަސްވުމެވެ. އެހެން ނޫންނަމަ، އެއީ ހަދިޔާދިން ފަރާތުގެ ހިތުގައި ޖެހޭނެ ކަމެކެވެ. އަދި، ބަލައިގެން ފަރާތުން ލަދުވެތި ވާންޖެހޭ ކަމެއް ވެސް މެއެވެ. ޚާރިޖީ ދާއިރާގެ މަޢްލޫމާތު ހުރި މީހެއްގެ ހައިސިއްޔަތުން އެކަން ކަށަވަރުވެއެވެ." މުންދު ވިދަޅުވެފައި ވެއެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!