އުސޫލުން ބޭރުން ފެން ފަންޑުން 10.8 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް
2014 ވަނަ އަހަރު މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ސަރުކާރުން އުފެއްދި "މާލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑުން" އުސޫލާއި ހިލާފަށް 10.82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު އެ ފަންޑުގެ އޮޑިޓުގައި ބުނެފިއެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ވެސް އަދި މި ހާދިސާއާ ގުޅިގެން އުފެއްދި ޓާސްކު ފޯހުގެ ފަރާތުން ވެސް ފަންޑުގެ މެންޑޭޓެއް އަދި ފަންޑަށް ލިބޭ ފައިސާ ހަރަދުކުރާނެ ކަންތައްތަކަކީ ކޮބައިކަން ލިޔެކިޔުމުން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެގޮތުން މި ފަންޑުން ކުރާނެ ހަރަދުތައް ލިޔެކިޔުމުން އެނގޭނެ ގޮތަށް ކަނޑަނާޅާ ޖުމްލަ 10.82 މިލިއަން ރުފިޔާ ފަންޑުން ހަރަދުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އަދި ޑޮލަރު އެކައުންޓަށާއި އެމްއެމްއޭގައި ހުޅުވުނު ޑޮލަރު އެކައުންޓަށް އެހީގެ ގޮތުގައި ޖުލްމަ 127.52 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެއީ އެހީގެ ގޮތުގައި 52.52 މިލިއަން ރުފިޔާ، އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިންޓްރެސްޓް ފްރީ ލޯނެއްގެ ގޮތުގައި އަމިއްލަ ފަރާތަކުން ދިން 75 މިލިއަން ރުފިޔާއެވެ.
އެހީގެ ގޮތުގައި ބޭންކުތަކަށް ޖަމާކޮށްފައިވާ 52.52 މިލިޔަން ރުފިޔާގެ ތެރެއިން ހާދިސާއާ ގުޅިގެން ޙަރަދުކޮށްފައިވަނީ 10.82 މިލިޔަން ރުފިޔާއެވެ. މިއީ ފަންޑަށް ލިބުނު ފައިސާގެ %20.6 ކަމަށްވާއިރު ބާކީ ފައިސާގެ ގޮތުގައި ހުރި 41.69 މިލިޔަން ރުފިޔާ މިދިޔަ 2019ވަނަ އަހަރުގެ ޖަނަވަރީމަހުގެ 31ވަނަ ދުވަހު ލޯނު އެންޑް ކެޕިޓަލް ވާރކްސް ފަންޑަށް ޖަމާކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އަދި ފަންޑުން ޚަރަދުކުރާނެ ކަންތައްތައް ކަނޑައަޅާފައިނުވުމުގެ ސަބަބުން މި ފަންޑުން ޚަރަދުކުރުމުގެ ކަންތައްތައް ހަވާލުކޮށްފައިވާ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް އެމްޑަބްލިޔުއެސްސީން ހުށަހެޅި ބިލްތަކަށް ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުން ގޮސްފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އޮޑިޓަރ ޖެނެރަލް ލަފާ ދެއްވާފައިވަނީ މިފަދައިން ލިބޭ ފައިސާއަކީ ޓްރަސްޓް ފަންޑުގެ ގޮތުގައި ލިބޭ ފައިސާގެ ގޮތުގައި ބަލައި، މާލިއްޔަތު ގާނޫނުގައި ބުނާ ގޮތަށް ޓްރަސްޓް ސްޓޭޓްމަންޓު ތައްޔާރުކުރުމަށެވެ.