ޚަބަރު

ކޮވިޑުން އަރައިގަތުމަށް ކުރެވެނު މަސައްކަތުން ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރެވިއްޖެ: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވެނު މަސައްކަތުން ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި "ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާއި ކުރިމަތިލުމަށް ވަޞީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ޞިއްހީ ދާއިރާގެ ޤާބިލުކަން އިތުރުކުރެވިފައިވާ ކަމަށެވެ.

އަދި މިހާރު ބައްޔާގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ބައްޔާގުޅިގެން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތައް ދަޢުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރައްވައި އެގޮތުން 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ޚަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައެވެ.

މިއަދު ބޭއްވެވި ޓާސްކްފޯސްގެ މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ 3 ވާރކިންގ ގްރޫޕުން ޙިއްޞާކުރެއްވި 3 ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ހުށަހެޅުއްވިއެވެ.

އެގޮތުން މި ގައިޑްލައިންއާ މެދު ދެން ބާއްވަވާ ބައްދަލުވުމުގައި ގޮތެއް ނިންމެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!