ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިދިކޮޅުން އިހުތިޖާޖު ކުރަނީ
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އިހުތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
އިދިކޮޅުން މިކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އަތޮޅުތަކުގެ ބައްދަލުވުން ފެށުމުގެ ގޮތުން މިރޭ ބޭއްވި ބައްދަލުވުމުގައެވެ.
އެގޮތުން އެ ބައްދަލުވުމުގައި އިދިކޮޅު ލީޑަޝިޕުން ވަނީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިހުތިޖާޖުތައް ފެށުމަށް މި މަހުގެ 14 ވަނަ ދުވަހު އިދިކޮޅުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތަކުގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހއ.އަތޮޅުގެ ރަށްރަށުގައި ޕީޕީއެމް/ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ މަންދޫބުންނާ އެކުއެވެ.
އިދިކޮޅު ކޯލިޝަނުން ބުނިގޮތުގައި މި ބައްދަލުވުމުގައި ކޯލިޝަންގެ މަސައްކަތް ކުރިއަށް ގެންދިޔުމާއި، ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންނާއި ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
އަދި އަތޮޅުތަކުގެ މަންދޫބުން އެ ރަށްތަކުގައި ހުރި ކަންބޮޑުވުންތައް އިދިކޮޅު ލީޑަޝިޕާއި ހިއްސާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.