އިމްޕޯޓް ޑިއުޓީން 16 މިލިއަން ރުފިޔާ މާފް ކޮށްދީފި
މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއަށް އެތެރެކުރި ބައެއް މުދަލުގެ ޑިއުޓީއަށް އެރި ފައިސާގެ ތެރެއިން، 16 މިލިއަނަށްވުރެ ގިނަ ރުފިޔާ މަޢާފްކޮށްދެއްވާފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސް އިން ބުނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޑިއުޓީ މަޢާފްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެފަދަ ބާވަތްތަކުން ކަނޑާލި ޑިއުޓީގެ ޖުމްލަ 16.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް ތަކެތިން ނަގާ ޑިއުޓީ ރައީސް މާފްކޮށްދެއްވާފައި ވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.
ޑިއުޓީ މާފްކުރި ތަކެތީގެ ތެރޭގައި ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަރޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތި ހިމެނެއެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒަރ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީވެސް ވަނީ ކަނޑާލާފައެވެ.