ވޯކް ޕާމިޓް ފީ 350 ރުފިޔާއަށް ބޮޑުކޮށްފި
ވޯކް ޕާމިޓް ފީގެ ގޮތުގައި 350 ރުފިޔާ ނަގަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް، އާންމު ކޮށްފައިވާ ގަވާއިދުގައި ވާ ގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި ކުރިން ނަގަމުން އައި 250 ރުފިޔާގެ ބަދަލުގައި350 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށެވެ.
ގަވާއިދުގައި ބުނީ ގެވެށި މަސައްކަތަށް ދޫކުރެވޭ ކޯޓާ ފިޔަވައި އެހެނިހެން މަސައްކަތްތަކަށް ކޯޓާ ދޫކުރެވޭނީ "ނޭޝަނަލް ޖޮބް ސެންޓަރު - ޖޮބް ޕޯޓަލް" ގައި ރަޖިސްޓަރީ ކުރުމުން ކަމަށެވެ. އެގޮތުން ކޯޓާ ދޫކުރެވޭނީ، ކޯޓާ ފީގެ ގޮތުގައި ބާރަ މަސްދުވަހުގެ މުއްދަތަށް 2000 ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ. އެކަމަކު އެ ފީދައްކަން ފަށަން ޖެހެނީ މިއަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.
ރާއްޖެއަށް މަސައްކަތްކުރަން ގެންނަ ބިދޭސީންގެ ޑިޕޮސިޓް ބެލެހެއްޓުމާއި ބަރާބަރަށް ދެއްކުމަކީ ބިދޭސީން ގެންނަ ފަރާތުގެ ޒިންމާއަކަށް ވާއިރު ޑިޕޮސިޓް ނުދެއްކޭނަމަ މިނިސްޓްރީ އިން އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރުން ރަޖިސްޓަރީ ނުކޮށް ނުވަތަ ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީއަކު ރާއްޖެ ގެނެވޭނީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށް ފަހުއެވެ.