ލައިފްސްޓައިލް

ކުރީގެ ބައިވެރިޔާ މަތިން އަދިވެސް ހަނދާން ވަނީތަ؟ މިކަންކަން ކޮށްލަންވީނު؟

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ މަތިން ހަނދާން ނައްތާނުލެވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ.

Ads by Sosun Fihaara

ބައެއް ފަހަރު ދެމީހުން ވަކިވެގެން ކިތަންމެ ގިނަ ދުވަހެއްވެފައިވީ ނަމަވެސް، ނުވަތަ ދެމީހުން ވަކިވާން ޖެހުނީ ބައިވެރިޔާގެ ސަބަބުން ކަމުގައިވިޔަސް، އޭނާމަތިން ހަނދާން ނައްތާލުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.

ކުރީގެ ބައިވެރިޔާއާއި ބައްދަލު ކުރާ ހިތްވުމާއި، ވާހަކަ ދައްކާ ހިތްވުމުގެ އިތުރުން، އޭނާއާއި ވާހަކަ ނުދެއްކި ކަމުގައިވިޔަސް އޭނާ އުޅޭ ނޫޅޭ ގޮތް ބެލުމާއި މުގޯލި އެޅުމާއި، އެހެން މީހަކާއެކު އޭނާ ހުންނަތަން ފެނުމުން ލޭކެކުމަކީ އިންސާނީ ޠަބީޢަތުގައި ހުންނަ ކަންކަމެވެ. ނަމަވެސް ހަގީގަތުގައި އެއީ ވަރަށް ބޭކާރު ކަމެކެވެ.

ކުރީގެ ބައިވެރިޔާއާއި ދުރަށް ދާން ބޭނުންވެ، އެހެން ނަމަވެސް ދުރަށް ނުދެވިފައި ތިބި މީހުންނަށް މިކަންކަން ކޮށްލެވިދާނެއެވެ.

ދެމީހުން ވަކިވާން ޖެހުނު ސަބަބު ޤަބޫލުކުރި ނަމަވެސް އެކަން ހިތުގައި އެވަރަށް ނުބޭއްވުން.

އެކުގައި އުޅުމަށްފަހު ދެމީހުން ވަކިވެއްޖެނަމަ، ޚާއްސަ ކޮށް ވަކިވީ އިތުރު މީހެއްގެ ސަބަބުންނަމަ، ވަކިވި ސަބަބު ހިތުގައި އެވަރަށް ބާއްވައިގެން ހުރުމަކީ ކުރީގެ ބައިވެރިޔާގެ ހަނދާންތަކާއި ދުރުވާން އުނދަގޫ ކަމަކަށް ވެދާނެއެވެ. ކުރީގެ ބައިވެރިޔާ އާއި ދުރަށްދާން ބޭނުންނަމަ، އެކަންކަން ޤަބޫލު ކުރި ކަމުގައި ވިޔަސް، އެވާހަކަތައް އަބަދު ދައްކާ، އެކަންކަން ހަނދާން ކުރުމުން އެކަމުން އެންމެ ހިތާމަ ލިބޭނީ ވެސް ހަމަ ތިމާއަށެވެ.

އޭނާގެ ކަންކަމާއި ބެހުން ދޫކޮށްލުން

ވަކިވުމަށްފަހު ވެސް ކުރީގެ ބައިވެރިޔާ އުޅޭނޫޅޭ ގޮތް ބެލި، އޭނާގެ ކަންކަމާއި ވާހަކަ ދައްކާ ގޮތް ކިޔައިދީ ހަދަންޔާވެސް ފަސޭހައިން ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އަދި ބައެއް ފަހަރު އެއީ ކުރީގެ ބައިވެރިޔާ ތިމާދެކެ އިތުރަށް ފޫހިވެ، ތިމާއަށް ގޮތްގޮތް ހެދޭ ކަމެއް ކަމުގައި ވެސް ވެއެވެ. އިންސާނިއްޔަތު ކަމުގެ ގޮތުން އޭނާއަށް ކަންކަމުގައި ޙިޔާލެއްދީ ހެދި ކަމުގައިވިޔަސް، އޭނާގެ ކަންކަމާއި މާބޮޑަށް ބެހުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ. އެކަމުން ވެސް ތިމާއަށް ލިބޭނީ ހުސް ދެރައާއި ހިތާމައެވެ.

ބޭރަށް ނިކުމެލާ ކަންކަމުގައި އަވަދިނެތި އުޅެލުން.

ކުރީގެ ބައިވެރިޔާ މަތިން މާބޮޑަށް ހަނދާންވުމުން، އެއްވެސް ކަމެއް ނުކޮށް އެކަނި އޮންނަން ވެއްޖެނަމަ ތިމާ އިތުރަށް މާޔޫސް ވެދާނެއެވެ. އެހެންކަމުން އެފަދަ ވަގުތެއް އަތުވެއްޖެނަމަ، ބޭރަށް ނިކުމެލާ މީހުންނާއި އެކުވެ ސަކަރާތް ޖަހާލާފައި އުޅޭށެވެ. ނުވަތަ ކޮންމެވެސް މަސައްކަތެއް ކުރުމުގައި އަވަދިނެތި އުޅޭށެވެ. ސިކުނޑި ބިޒީ ކޮށްފައި ބެހެއްޓުމުން ބޭކާރު ޙިޔާލުތަކެއް ތިމާގެ ސިކުނޑިއަކަށް ނުވަންނާނެއެވެ.

ކުރިންވީ ކަންކަން ހަނދާންވެ، "މިހެން ނުވިނަމަ" އޭ ހިތައް ނޭރުވުން

ދެމީހުން ވަކި ވުމަށްފަހު، ކުރިން ދެމީހުން ވަކިވާން ދިމާވި ކަންތައް ހަނދާންކޮށް އެހެން ނުވިނަމައޭ ހިތައް ނޭރުވުން ރަނގަޅުވާނެއެވެ. ކޮންމެހެނަކަސް ތިތިބީ ދެމީހުން ވަކިވެފައެވެ. އެހެންކަމުން ދެމީހުން ވަކިވާން އެހެން މިހެން ނުވިނަމައޭ ހިތަށް އެރުވުމުގެ ބޭނުމެއް ނެތެވެ. ދެމީހުންގެ ގުޅުން ކެނޑި ވަކިވާން ޖެހުނީ ވަކި ސަބަބަކާއިހެދިކަން ޤަބޫލުކުރަން ވާނެއެވެ. އެހެންކަމުން އޭނާ މަތިން ހަނދާން ނައްތާލަން ބޭނުންވާނަމަ ކުރިންވީ ކަންތައްމަތިން ހަނދާން ނުކުރާށެވެ.

އައު ހަނދާންތަކެއް އާލާކުރުން

ވަރަށް ގިނައިންވާ ކަމެކެވެ. ކުރީގެ ބައިވެރިޔާގެ ހަނދާންތައް ހިތުން ނުފުހެވުމެވެ. އޭނާއާއެކު ދެވިފައި ހުންނަ ތަނެއް ފެނުމުންނާއި އެކުގައި ކޮށްފައި ހުންނަ އެހެން ކަމަކާއި ކުރިމަތިވުމުން ވެސް ކުރީގެ ބައިވެރިޔާމަތިން ހަނދާންވާން ފަށައެވެ. މިކަންކަމުން އަރައިގަތުމުގެ ހައްލަކީ އެހަނދާންތަކާއި ދުރަށް ދިޔުމަށް އެތަކެއްޗާއި ދުރުވުމެއް ނޫނެވެ. އެއިރުން ތިމާއަށް ތިމާ ބޭނުންވާ ވަރަށް ހިތްވަރު ގަދައެއް ނުވެވޭނެވެ. އެންމެ ރަނގަޅު ގޮތަކީ އެތަންތަނަށް ދިޔުމާއި، އެފަދަ ތަކެތިވެސް ހިތްވަރެއް ކޮށްފައި ބޭނުން ކުރުމެވެ. އެންމެ ފަސޭހައިން މިކަންވާނީ ތިމާއަށް ހެޔޮއެދޭ މީހަކާއެކު އެހަނދާންތައް އަލުން އާލާކުރާނަމައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!