ދެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައަކާ އަދި ވައްކަމުގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ގަމުން ވޭމަންޑުއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އޭގެ އިތުރުން، ގަމު ހަމަދު ބިން ޚަލީފާ އަލް ޡާނީ ސްކޫލުން ވައްކަން ކޮށްފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ މީހެކެވެ. ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ޓީވީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.