ޖީހާން އަށް ގަމުން ގޯތި ލިބުނު މައްސަލަ އޭސީސީން ބަލަން ފަށައިފި
ލ. ގަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ގޯއްޗެއް ލިބުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން ބަލަމުން އަންނަނީ މެންބަރު ޖީހާން މަހްމޫދަށް ގަމުން ގޯއްޗެއް ދިން މައްސަލަ އާއި އެރަށުން ގޯތި ދިނުމުގައި އަމަލުކުރި ގޮތް ކަމަށެވެ.
ލ. ގަމުން ގޯތި ދޫކުރަން އިއުލާން ކުރުމުން ގޯތި ހޯދަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ފޯމަށް ޕޮއިންޓް ދީފައި ވާނީ ރަނގަޅަށް ކަމަށް އެރަށު ކައުންސިލުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް ޖީހާން މިހާރު ވަނީ އޭނާ އަށް ލިބުނު ގޯތި ދޫކޮށްލާފައެވެ.
ޖީހާން އެ ގޯތި ދޫކޮށްލާފައި މިވަނީ އެ ގޯތި ޖީހާން އަށް ލިބުނު ގޮތާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނިކޮށެވެ. ގިނަބަޔަކު ސުވާލު އުފެއްދީ ގަމު ކައުންސިލުން ނެރެފައިވާ ގޯތީގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުންނެވެ. އަދި ގިނަބަޔަކު ވަނީ ޖީހާން އަށް އެ ގޯތި ލިބިފައި ގައުމުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ދޭ ބައިން 10 ޕޮއިންޓު ލިބިވަޑައިގެންފައި ވާތީވެސް ސުވާލު އުފައްދާފައެވެ.
ޖީހާން އަށް ގަމުން ގޯތި ލިބުނުއިރު ޖީހާންގެ ފިރިކަލުންނަކީ ގަމުގެ ރަށްވެއްސެކެވެ. އަދި ދެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރިންވެސް ރަޖިސްޓްރީ ކޮށްފައިވަނީ ގަމުގައެވެ.
ލިބުނު ގޯއްޗާ ގުޅޭ ގޮތުން ޖީހާން ވިދާޅުވެފައި ވަނީ ގޯއްޗެއް ހޯދުމަށް ކުރިމަތިލީ ދެ ކުދިންގެ މުސްތަގުބަލަށް ވިސްނާފައި ކަމަށެވެ. ޖީހާން ވަނީ އޭނާ އަކީ އޭނާގެ އުފަން ރަށުންވެސް އަދި މާލެއިން ގޯއްޗެއް އޮތް މީހެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ގަމުން ގޯތި ދޫކުރާކަން އެނގިވަޑައިގަތުމުން ފޯމު ހުށަހެޅުއްވި އިރުވެސް ގޯތި ލިބޭނެ ވަރަށް ޕޮއިންޓު ލިބިގެން ދާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.
މައްސަލަ ބޮޑުވީ ޖީހާން ގަމުގައި އުޅޭ ކަމަށް ބުނާ ބައިން ޕޮއިންޓު ލިބުމުންނެވެ. ނަމަވެސް ޖީހާން ވަނީ އެ ބައިން އޭނާ އަށް ޕޮއިންޓު ލިބުނު ގޮތް ހުދު އޭނާ އަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.