ޚަބަރު

އުމުރުން ދުވަސްވީ ތިން އަންހެނެއްގެ ރޭޕްގެ ތުހުމަތު ކުރެވޭ އައްޑޫ މީހާ ގޭބަންދަށް

ސ. މީދޫގައި އުމުރުން ދުވަސްވީ ތިން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހާ ގޭބަންދަށް ބަދަލުކޮށްފިއެވެ. މި މައްސަލައިގެ ހައްޔަރުކުރި 30 އަހަރުގެ މީހާ ގޭބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެއެވެ.

އެ މީހާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އުމުރުން 64 އަހަރާއި 65 އަދި 66 އަހަރުގެ ތިން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލަ އެކެވެ.

އެ މީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ 64 އަހަރުގެ އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށް ތުހުމަތު ކޮށެވެ.

ނަމަވެސް އެ މައްސަލަ ހުށަހެޅުމާއެކު ބެލިބެލިމުން، އެ އަމަލު ހިންގި މީހާ އިއްޔެ އިތުރު ދެ މީހަކަށް ވެސް ޖިންސީ ގޯނާކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުންނަކީ އުމުރުން 66 އަހަރުގެ އަންހެނަކާއި އުމުރުން 65 އަހަރުގެ އަންހެނެކެވެ.

އެ މީހާ ހައްޔަރު ކޮށްފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ އެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ދިން މުއްދަތު ހަމަވާއެކު، ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ މީދޫ ކޯޓަށް ހާޒިރުކުރުމުން ގޭބަންދަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި ސިޓީ އަކުން މިހާރު އެދިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!