ފުލުހުންގެ ހައްގުގައި ވާހަކަ ނުދައްކާނަމަ އިމްރާންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދާނަން: މޮސްޓާ
ފުލުހުންގެ ހައްގުގައި ވާހަކަނުދައްކާނަމަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޮސްޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންގެ ހައްޤުގައި ބަސް ނުބުނާނަމަ މިހާރުން މިހާރަށް އިމްރާން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. އަދި އެހެން ނޫންނަމަ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގެ އިންޒާރުވެސް މޮސްޓާ ދެއްވިއެވެ.
މަޖިލީހުގައި ތިބި އެމްޑީޕީ މެމްބަރުން ފުލުހުންގެ އަގުވައްޓާލައި ނަފްރަތު އުފައްދަމުންދާއިރު އިމްރާނަށް ފުލުހުންގެ ހައްގުގައި ކުރެވުނީ ކޮން ކަމެއްބާ" މޮސްޓާ ވިދާޅުވިއެވެ.
. @mvpeoplesmajlis ge @MDPSecretariat members @PoliceMv agu vattaa nafurathu uffadhamun dhiya iru @ShimranAb ah police haggu gai kurevunee kon kameh baa. Police haggu gai bas nubunaa nama mihaarun mihaarah isthufaa dhinumah govaalan noonee ithubaaru neh kamah majilis ah vadhaanan
— Mohamed Nasheed Abdulla (@MNA_MosTaaA) June 18, 2020
ރައްޔިތުން މަޖިލީހުގައި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބާރުތައް ނުދިނުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެމްބަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ. އޭގެ އިތުރުން ފުލުހުންނަށް ޓޭޒާ ގަން ދިނުން ކުށްވެރިކޮށް އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ދަނީ ހޫނު ބަހުސެއް ކުރަމުންނެވެ.
ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް މިއަދު ބަލައިގަތުމަށްފަހު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ފޮނުވާފައެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.
އެ ބިލުގައި ވަނީ ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް މިހާރުގެ ފުލުހުންގެ ގާނޫނުގައިވާ ވަރަށްވުރެ ސާފުކޮށް ބަޔާންކޮށްފައެވެ. އެ ގޮތުން ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމުގައި ބިލްގައި ކަނޑައަޅާފައިވެއެވެ.
އަދި މި ބިލުގައި ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުޠުތައް ކަނޑައަޅާފައިވެއެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
މީގެއިތުރުން ގާނޫނާ ހިލާފު އަމުރަށް ތަބާވާ ފުލުހުން އެއް އަހަރަށް ޖަލަށްލެވޭ ގޮތް ހެދުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.