އައު އާއްމު ހާލަތުގައި މާލޭ ލޯކަލް މާރުކޭޓު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި
ލޯކަލް މާރުކޭޓު ހުޅުވުމަށް އިސްޕެކްޓުކޮށް މަސައްކަތް ކުރާނެ ގޮތާއިމެދު މަޝްވަރާ ކުރުމަށްފަހު، އައު އާއްމު ހާލަތުގައި މާލޭ ލޯކަލް މާރުކޭޓު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.
މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ހިމެނޭހެން ސިޓީ ކައުންސިލުގެ ޓީމަކުން ވަނީ ލޯކަލް މާރުކޭޓު އިންސްޕެކްޓު ކޮށްފައެވެ.
އަންނަ ޖުލައި މަހު އައު އާއްމު ހާލަތުގައި ލޯކަލް މާރުކޭޓު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، ފުރަބަންދަށްފަހު މާލެ ސިޓީގެ ލޯކަލް މާރުކޭޓުތަކުން އަލުން ޚިދުމަތްދޭއިރު ޢަމަލު ކުރަން ޖެހޭނެ އުސޫލުތަކެއް ސިޓީ ކައުންސިލުން ވަނީ އާއްމުކޮށްފައެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އުސޫލުތަކަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ އުސޫލުތަކެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން މާރުކޭޓުތަކުގައި ހިންގާ ގޮޅިތަކުގައި ސާފުޠާހިރުކަމުގެ މިންގަނޑުތައް ހިފަހައްޓަން ޖެހުމާއި ޚިދުމަތްދޭން ތިބޭ މީހުންގެ ސާފު ޠާހިރުކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގެ މިންގަނޑުތައް ވެސް މިއުސޫލުތަކުގައި ހިމަނާފައިވެއެވެ.