ސަމާލުވޭ! މާސްކު އެޅިޔަސް ގައިދުރުކަން ނެތް ނަމަ ކޮވިޑް ފެތުރޭނެ: ދިރާސާ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މީހުންގެ ތެރޭގައި އުޅޭ އިރު ފޭސް މާސްކު އެޅުން ވަރަށް މުހިންމެވެ. ނަމަވެސް އާ ދިރާސާތަކުން ދައްކާ ގޮތުގައި މާސް އަޅައިގެން ވިޔަސް ހަ ފޫޓު ދުރުގައި ނުހުންނަ ނަމަ ތިމާގެ އަމިއްލަ ސިއްހަތާއި އެހެން މީހުންގެ ސިއްހަތު ކޮވިޑްގެ ނުރައްކަލަށް ހުށަހެޅިގެން ދެއެވެ.
ސައިޕްރަސްގެ ނިކޮސިއާ ޔުނިވާސިޓީގެ ދެ ސައިންސްވެރިއަކު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މާސް އަޅައިގެން ހުރި މީހަކު ވެސް މާ ގަދައަށް ކެއްސާ ނަމަ ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން މާސް އަޅައިގެން ހުންނަ މީހަކު ގަދަޔަށް ކެއްސާއިރު، ކުޅުގެ ތިކިތަކުގެ ޒަރިއްޔާއިން ވައިރަސް 18 ފޫޓަށް ދަތުރުކުރާނެ ކަމަށް އެ ދިރާސާގައި ވެއެވެ.
މާސް އަޅަގެން ހުންނަ މީހަކު ކުޑަކޮށް ކެއްސި ނަމަވެސް ކުޅުތިކިތައް އެއް މީޓަރަށް ދަތުރު ކުރާނެ ކަމަށާއި މާސްކާ ނުލައި އޭގެ ދެގުނަ އަށް ދަތުރު ކުރާނެ ކަމަށް އެ ދިރާސާއިން ދައްކައެވެ. އަދި ގަދަޔަށް ކެއްސާއިރު މާސްކުގެ ދެ އަރިމަތިން ވެސް ކުޅު ތިކި ބޭރަށް ދާނެ ކަމަށް ވެސް ވެއެވެ.
"ޔަގީން ކުރާތި މާސް ރީޗަށް ފިޓް ވޭތޯ. އެރުން އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ. ބާރުކޮށް އަޅާފައި ހުންނަ މާސްކުން ވެސް ތަންކޮޅެއް ހުޅުވިފައި އިން ނަމަ ކުޅު ލީކް ވުމުގެ ފުރުސަތު ބޮޑު." ދިރާސާ ލިޔުނު ފަރާތުން ބުންޏެވެ.
އެހެންކަމުން މާސްކު އަޅައިގެން ވެސް ހަ ފޫޓު ދުރުގައި ތިބުމަށް އެ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. އަދި ކެއްސާއިރު ވީހާވެސް އެހެން މީހުނާ ދުރަށް ގޮސް ކެއްސުން މުހިންމެވެ.