އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ހުރިހާ ޕާޓީއެއްގެ އިސްވެރިން ހިމެނޭ: ޕީޖީ
ރާއްޖޭގައި ސިޔާސީ ލީޑަރުންގެ ގޮތުގައި އުޅުއްވާ އެންމެން ކަހަލަ ގޮތަކަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ނަން އެބައޮތް ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ބޮޑު ޚިޔާނާތުގެ މައްސަލާގައި 260 ނަމެއް ހިމެނޭ ލިސްޓެއް އޮތް ވާހަކަ މީޑިޔާތަކަށްވެސް ތިލަވެފައިވާ ކަމުގައެވެ. އަދި އެލިސްޓުގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ ބޭފުޅުންވެސް ހިމެނިވަޑައިގެންފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
"ސިޔާސީ ލީޑަރުންގެ ތެރެއިން ހުރިހާ ދިމާލެއްގެ ބޭފުޅުންވެސް މިއީ މީގެ ތެރޭގައި ހިމެނޭ، މި ދެންނެވީ ކޮންމެވެސް ވަރަކަށް ވެސް ފައިސާ ލިބިގެން ނުވަތަ ތުހުމަތު ކުރެވިގެން އެމީހުންގެ ނަން އެއްކަލަ ލިސްޓަށް [260 މީހުންގެ ލިސްޓަށް] އަރާފައި އެބައޮތް،" ޝަމީމް ވިދާޅުވިއެވެ.
ޕީޖީ އިތުރަށް ވިދާޅުވީ މިލިސްޓުގައި ހިމެނޭ އެންމެނަކީ އެމީހުންގެ މައްޗަށް ޖިނާއީ ދަޢުވާކުރަންޖެހޭނެ މީހުން ނޫން ކަމުގައެވެ. އެގޮތުން އެމްއެމްޕީއާރުސީއާއެކު ޞައްޙަ މުޢާމަލާތް ހިންގި މީހުން ވަކިކޮށް ދަޢުވާކުރާނީ ރަނގަޅު ނޫން މުޢާމަލާތެއް ހިންގާފައިވާ މީހުންގެ މައްޗަށް ކަމުގައި ޙުސައިން ވިދާޅުވިއެވެ.
ޙުސައިން ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ ޚިޔާނަތް ރާއްވަވައި ހިންގެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތެވެ. ޙުސައިން މިފަދައިން ވިދާޅުވިއިރު ޒިޔަތާއި އަދީބު މިހާރުވެސް ތިއްބެވީ ގޭގައެވެ. އަދި އަދީބުވަނީ ޕީޖީއާއެކު އެއްބަސްވުމެއް ހައްދަވައި މައްސަލަތަކުގައި ހެކި ބަސްދެއްވަން ފައްޓަވާފައެވެ.
އޭނާ ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު "ކްލަސްޓާއެއް" ވެސް ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން އެއްބަޔަކީ ލޯ އެންފޯސްމަންޓުގެ ބޭފުޅުން ކަމަށާއި އޭގެތެރޭގައި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންވެސް ހިމެނޭ ކަމަށެވެ. އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އެ މައްސަލަތަކުގެ ތަހުގީގުވެސް ވީހާވެސް އަވަހަށް ނިންމާލެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެވެ.