ބޮލުގައި ހަންފޮޅޭނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާ
ބޮލުގައި ހަން ފޮޅުމަކީ ބޮލުގައި އިސްތަށި ފަޅާ ސަރަހައްދަށް ޖެހޭ ބައްޔެކެވެ. ބޮލުގައި ނެއްޓިފައި އެ ހުންނަ ހަންގަނޑުތަކުގެ ސަބަބުން މާ ބޮޑު ނުރައްކަލެއް ކުރިމަތި ނުވިކަމުގައި ވިޔަސް ބޯ ހިރުވާ ތަފާތު އެކި އެކި މައްސަލަތައް ދިމާވެއެވެ.
ހަންފޮޅުމަށް މެދުވެރިވަނީ ހަންގަނޑުގެ ސެލްތަކުގެ ތެރެއިން މާ އަވަހަށް ހެދި މަރުވާ ސެލްތަކުގެ ސަބަބުން ކަމުގައި ދިރާސާތަކުން ދައްކައެވެ. ނަމަވެސް ސީދާ ހަންފޮޅެނީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ހޯދިފައެއްނުވެއެވެ. މެލަސިޒައިއާ ނަމަކަށް ކިޔޭ ވަރަށް އާންމު ފަންގަސް އަކީ ވެސް ހަންފޮޅުމަށް މަގުފަހި ކުރުވާ އެއް ސަބަބެވެ.
ބޮލުގައި ހަންފޮޅޭނަމަ ގޭގައި ވެސް އެކަމަށް ފަރުވާދެވިދާނެއެވެ. އެގޮތުން މި ހިމަނާލަނީ ގޭގައި ހުންނަ އެއްޗެހިން ދެވިދާނެ ބައެއް ފަރުވާއެވެ.
- ކާށި ތެޔޮ
ކާށި ތެލަކީ ރާއްޖޭގައި ވަރަށް އާންމު ކޮށް ލިބެން ހުންނަ އެހާމެ ގިނަ ސިއްޙީ ފައިދާތަކެއް އެކުލެވޭ އެއްޗަކަށްވާއިރު ކާށި ތެލަކީ ހަން ފޮޅުމަށް ގުދުރަތީ ބޭހެކެވެ. ކާށި ތެލުން ހަންގަނޑުގެ ހިކިކަން ފިލުވައިދީ ތެތްކަން ދަމަހައްޓާނެއެވެ. އަދި ހަންގަނޑު ހިރުވުންވެސް ކުޑަކޮށްދޭނެއެވެ.
- އެލޯވޭރާ
އާންމުކޮށް އެލޯވެރާ ބޭނުންކޮށް އުޅެނީ ތަފާތު އެކި އެކި ފޭޝަލްތަކަށް ނަމަވެސް އެލޯވެރާ އަކީ ބޮލުގެ ހަންގަނޑަށް ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. އެލޯވޭރާ ހަންގަނޑުގައި އުނގުޅުމުން ހަންގަނޑުގައި އަނދާފައިވާ ސަރަހައްދުތަކާއި ކެހުން ހުންނަ ސަރަހައްދުތަކަށް ފިނިކަން ގެނެސްދޭއިރު ބޮލުގައި އެލޯވެރާ އުނގުޅުމުން ބޮލުގައި ހަން ފޮޅުން މަދު ކުރާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.
- އެޕަލް ސިޑާ ވިނެގަރ
މިއީވެސް އެތައް ސިއްހީ ފައިދާތައް އޭގައި އެކުލެވޭ ކަމަށް މަޝްހޫރުވެފައިވާ އެއްޗެކެވެ. މީގެ ސަަބަބުން ބޮލުގެ ހަންގަނޑުގެ ޕީ.އެޗް ލެވެލް އެއްވަރުކޮށްދީ ހަން ފޮޅެން އެއްބާރުލުން ދޭ ފަންގަސްތައް މަދުކޮށްދެއެވެ. ހަމައެހެންމެ ބޮލުގައި މަރުވެފައިވާ ހަންގަނޑު ނައްތާލުމަށްވެސް މި ވިނެގަރ އެހީވެދެއެވެ.
- ބޭކިންގް ސޯޑާ
ބޭކިންގް ސޯޑާ އަކީ ކޭކުފަދަ އެއްޗެހި ފިހާއިރު އެ ރަނގަޅަށް ފިހުމަށް އެހީއެއްގެ ގޮތުގައި ހަދާފައިވާ އެއްޗެއް ނަމަވެސް އެއިން ތަފާތު އެތައް ބޭނުމެއް ކުރެވޭ ކެމިކަލްއެކެވެ. މި ގިރުވުމަށްފަހު ބޮލުގައި އުނގުޅުމުން މަރުވެފައިވާ ހަންގަނޑުތައް ނައްތާލައި ހަންގަނޑު އޮމާން ކޮށްދިނުމުގެ އިރުން ބޮލުގެ ކެހުންވެސް ފިލުވައިދެއެވެ.