ހައްގުވެރިންނަށް އެހީ ކަށަވަރު ކުރުމަށް މޮނީޓަކުރަން ޖެހޭ: ޝިދާތާ
ޙައްޤުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓަރކުރަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ފަރާތުން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންދިޔަ "ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިދާތާ ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި އިޖުތިމާޢީ ރައްކާތެރިކަމަށް ގާތްގަނޑަކަށް 3.9 ބިލިޔަން ރުފިޔާ ސަރުކާރުން ކަނޑައަޅުއްވައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 1.3 ބިލިޔަން ރުފިޔާ ހާއްސަކުރެވިފައިވަނީ ބޭސްފަރުވާއަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށާއި، އިތުރު 1.3 ބިލިޔަން ރުފިޔާ އުމުރުން ދުވަސްވީ މީހުނަށް ހާއްސަކުރެވިފައިވާއިރު، އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ހަރަދުތަކަށް 1.2 ބިލިޔަން ރުފިޔާ ހާއްސަކުރެވިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއްގެ ފައިދާ މުޖުތަމަޢަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެހީ ޙައްޤުވާ ބައެއް ޢާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މަޢުލޫމާތު ފުރިހަމައަށް ފޯރާފައިނުވުމުގެ އިތުރުން، ޙައްޤުވެރި ނޫން ބައެއް ފަރާތްތަކުން ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަނިވެރި މައިންނާއި ބައްޕައިންނާއި އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ އެހީގެ ޕްރޮގްރާމް 2010ވަނަ އަހަރުން ފެށިގެން ދަނީ ކުރިއަށްގެންދަމުންނެވެ.
އެ އެހީތައް ދިނަސް ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ކުރަމުންދާ ހެޔޮ އަސަރު ދެނެގަނެވިފައެއް ނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޔުނިސެފްއާއެކު މިއަދު ފެށި ވޯކްޝޮޕްގެ ދަށުން އެ އެހީތައް އޭގެ ހައްގުވެރިންނަށް ފޯރާ މިންވަރާއި، އެހީތަކުގެ ސަބަބުން އެހީގެ ހައްގުވެރިންނަށް ކުރާ ފައިދާތަކާއި، ގެންނަންޖެހޭ މުހިންމު ބަދަލުތައް ދެނެގަނެވިގެންދާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.