މަޖިލިސް ސުޕަ މެޖޯރިޓީ އަކީ މިނިވަން މުއައްސަސާތަކަށް އޮތް ބިރަކަށް ވެއްޖެ: އާދަމް ޝަރީފް
މަޖިލިސްގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އަކީ މިނިވަން މުއައްސަސާތަކަށް އޮތް ބިރަކަށް ވެއްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން މި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތެރޭގައި އެކަމުގެ އެއްވެސް ނުފޫޒެއް އޮތްތޯ ބެލުމަށްޓަކައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނިކޮށެވެ.
އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީތެއްގައި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަން އިން ވެސް ނަތީޖާއެއް ނުނެރެވޭ ކަމަށާއި އެމްއެމްޕީއާރުސީ މައްސަލާގައި ޕީޖީ އޮފިސް ކޮމްޕްރޮމައިސް ވެދާނެ ކަމުގެ ބިރު މިދަނީ އުފެދެމުން ކަމަށެވެ.
"މަޖިލިސް ސުޕަ މެޖޯރިޓީ އަކީ މިނިވަން މުއައްސަސާތަކަށް އޮތް ބިރަކަށް ވެއްޖެ. ޕީޖީގެ ގާނޫނީ ޒިންމާ އަދާކުރައްވާ!" އާދަމް ޝަރީފް ވިދާޅުވިއެވެ.
Asset recovery commission in ves natheejaa eh nunerevey! MMPRC ge massalaa gai PG Office compromise vedhaanekamuge biru midhanee ufedhemun. Majlis super majority akee minivan muassasaa thakah oiy birakah vejje. PG ge qaanoonee zimmaa adhaa kuravvaa!
— Adam Shareef Umar (@Adamshareefz) June 19, 2020
އާދަމް ޝަރީފް މިހެން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޝަމީމް ރޭ ވަނީ ވިދާޅުވެފައެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޝަމީމް ވަނީ ސިޔާސީ ބައެއް ވެރިން ވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ވިދާޅުވެފައެވެ. އޭގެތެރޭގައި މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ. އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިންގާފަ އެވެ.