މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައި
މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނީ ފަޅިކޭތައެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ މާދަމާ ހިފާ އިރުކޭތަ އާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެގޮތުން މާދަމާ ހިފާ އިރުކޭތަ އަކީ އިރުގެ އަނގޮޓި ކޭތައެއް ނަމަވެސް ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައި ކަމަށް މައުމޫން ވިދާޅުވިއެވެ.
ރާއްޖެއަށް މި ކޭތަ ހިފަން ފަށާނީ، ހެނދުނު 9:31 ގައި ކަމަށާއި އެންމެ ބޮޑަށް ހިފާފައި ހުންނާނީ، 10:51 ކަމަށްވެސް މި ބަޔާނުގައިވެއެވެ. ކޭތަ މުޅިން ވީއްލާނީ، މެންދުރު 12:14 ގައެވެ.
ައަނގޮޓި ކޭތައެއްގެ ގޮތުގައި މާދަމާ ކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކޮންގޯ، އިތިއޯޕިޔާ، ޕާކިސްތާނުގެ ދެކުނު ސަރަޙައްދު، އިންޑިޔާގެ އެންމެ އުތުރު ސަރަޙައްދާއި ޗައިނާ ހިމެނެއެވެ. ފަޅި ކޭތައެއްގެ ގޮތުގައި މި ކޭތަ ފެންނާނެ ޤައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއާއި، އުތުރު އަދި އިރުމަތީ އިފްރިކާގެ ޤައުމުތަކާއި، ޔޫރަޕްގެ އިރު ދެކުނު ސަރަޙައްދާއި، އޭޝިޔާގެ ގިނަ ޤައުމުތަކާއި، އޮސްޓްރޭލިޔާގެ އުތުރު ސަރަޙައްދު ހިމެނެއެވެ.
އިރުކޭތަ ހިފަނީ، ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ. އެގޮތުން ތިން ވައްތަރެއްގެ އިރުކޭތަ އެއް ހިފާއިރު އޭގެތެރެއިން އެއް ގޮތަކީ، ޓޯޓްލް އެކްލިޕްސް ނުވަތަ ފުރިހަމަ ކޭތައެވެ. އެ ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްވެސް ތަންކޮޅެއް ފެންނާކަށެއް ނުހުންނާނެއެވެ. ފެންނާނީ، ވަށައިގެން ގަދަ އައްޔެއް ހުރި ކަޅު ބޯޅައެއްގެ ސިފައިގައެވެ.
ދެވަނަ ގޮތަކީ، އިރުގެ ފަޅި ކޭތަ ނުވަތަ ޕާޝަލް އެކްލިޕްސް އެވެ. މި ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްބައި ފެންނަން ހުންނާނެއެވެ. އަނެއް ބައި ހުންނާނީ ފޮރުވިފައެވެ.
ތިންވަނަ ގޮތަކީ، އެނިޔުލަރ އެކްލިޕްސް ނުވަތަ އަނގޮޓި ކޭތައެވެ. މި ކޭތަ ފެންނައިރު ހީވާނީ ބޮޑު ކަޅު ބޯޅައެއްގެ ވަށައިގެން ވަރަށް ހަނި އަލި ބޮޅެއް ހުންނަ ހެންނެވެ. އަނގޮޓިއެއްގެ ސިފައިގައެވެ.
މާދަމާ ހިފުމަށް ހަމަޖެހިފައިވަނީ އަނގޮޓި ކޭތައެކެވެ. މީގެ ކުރިން 2010 ވަނަ އަހަރުގެ ޖެނުއަރީ 15 ދުވަހު ރާއްޖެއަށް ވަނީ ފުރިހަމަ އަނގޮޓި ކޭތައެއް ފެނިފައެވެ.