ފުލް ޓީމް ކަރަންޓީނުގައި ތިބެން ޖެހުމުން ރިޒަރވް ޓީމް ކުޅުނު މެޗު ، 9 ގޯލްގެ ތަފާތުން އެޓީމު ވީ ބަލި
ރަޝިޔާގެ ފުރަތަމަ ޑިވިޝަންގެ ރޮސްޓޯވްގެ ފުލްޓީމްގެ ކުޅުންތެރިން ކަރަންޓީންގައި ތިބެން ޖެހުމުން ރިޒާވް ޓީމްގެ ކުޅުންތެރިން ލައިގެން ކުޅުނު މެޗުން އެޓީމް 10-1އިން ބަލިވެއްޖެއެވެ.
ރަޝިޔާ ޕްރިމިއަރ ލީގު ތާވަލްގެ ހަތަރުވަނައިގައި އޮތް ވަރުގަދަ ރޮސްޓޯވްގެ ރިޒާވް ޓީމް މި މެޗުގައި ކުޅުވަން ޖެހުނީ މަޖުބޫރުވެގެންނެވެ. ފަސްޓް ޓީމްގެ ހަ ކުޅުންތެރިއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވުމާއިއެކު މުޅި ޓީމް އެއްކޮށް ޖެހުނީ ކަރަންޓީންކުރާށެވެ. އަނެއްކޮޅުން މި މެޗު ފަހުގެ ތާރީޚެއްގައި ކުޅެން ދެކޮޅަށް ނިކުތް ސޮޗީއިން އެއްބަހެއް ނުވިއެވެ. އިތުރު ގޮތެއް ނެތުމުން ރޮސްޓޯވް ނިކުތީ 19 އަހާރާއި 16 އަހަރާއި ދެމެދުގެ ކުޅުންތެރިން ހިމެނޭ ރިޒާވް ޓިމާއިއެކުގައެވެ.
މި މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ގޯލް ޖެހީ ރޮސްޓޯވްގެ ޒުވާން ޓީމެވެ. މިއީ އެކުލަބުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި މިއީ ރަޝިޔާ ޕްރިމިއަރ ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
ފަހަތުން އަރާ 10 ލަނޑު ޖަހައި ސޮޗީ މޮޅުވި މި މެޗުގައި ރޮސްޓޯވްގެ ކީޕަރުވެސްވަނީ ރެކޯޑެއް ހަދާފައެވެ. 17 އަހަރުގެ ކީޕަރު ޑެނިސް ޕޮޕޯވްވެފައިވަނީ ރަޝިޔާ ޕްރިމިއަރ ލީގުގެ ތާރީޚުގައި އެއް މެޗެއްގައި އެންމެ ގިނަ ސޭވް ކުރި ކުޅުންތެރިޔާއަށެވެ. އޭނާ ބެލެހެއްޓި ގޯލަށް 10 ގޯލް ވަތް ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވަރޑް ލިބުނީ ކީޕަރު ޕޮޕޯވްއަށެވެ.
މި މެޗުގެ ނަތީޖާ ވައިރަލްވުމާއިއެކު އެކުލަބުން ނެރުނު ބަޔާނުގައިވަނީ ރިޒާވް ޓީމް ނެރެން ޖެހުނީ މަޖުބޫރުވެގެންކަމަށާއި، މެޗު ލަސްކުރަން އެއްވެސް ދިމާލަކުން އެހީތެރިކަމެއް ނުލިބުނުކަމަށެވެ. މެޗުން ބޮޑުތަފާތަކުން ބަލިވި ނަމަވެސް ޒުވާން ކުޅުންތެރިން ހެދި ރެކޯޑްތަކާއި ހޯދި ކުރިއެރުންތަކާއިމެދު އުފާކުރާކަމަށްވެސް ކުލަބުގެ ބަޔާނުގައިވެއެވެ.