މަޖިލީހުގެ އިދާރާއިން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެއިދާރާގެ މެއިންޓަނެންސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑު-19 އަށް ފައްސި ވުމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ.
މަޖިލީހުން ބުނީ އެއިދާރާގައި މަސައްކަތް ފެށިއިރުވެސް އެފަދަ ކަމެއް ވެދާނެ ކަމަށް ބަލައި ދުރާލާ ފިޔަވަޅު އެޅިފައިވާ ކަމަށާއި ރޯގާއާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަކީ މަޖިލީހުގެ އަމާޒު ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި ކޮވިޑު-19 އާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރައްވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.
މަޖިލިސް ކޭސްއާއި ގުޅިގެން 29 މީހަކު އެކަހެރިކޮށްފައިވާ ކަމަށާއި ފައްސިވި މީހާގެ ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 11 މީހަކު ފާހަގަ ކުރެވުނު ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑްގެ ތަރުޖަމާން މަބުރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.