ނޭމާ މައްސަލަ ހުށަހެޅީ ބޯނަސް ފައިސާ ހޯދަން، ކޯޓުން ހުކުމްކުރީ ފައިސާ ދޭން ޖެހެނީ ނޭމާ ކަމަށް
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއަރ ކޯޓަށް މައްސަލަ ހުށަހެޅީ 2016ވަނަ ބާސެލޯނާއާއިއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އައުކުރުމުން އޭނާއަށް ލިބެން ޖެހޭ ބޯނަސް ނުލިބޭތީއެވެ. މިގޮތުން އޭނާގެ ވަކީލުން ވަނީ 43.6 މިލިއަން ޔޫރޯ ނޭމާއަށް ލިބެންޖެހޭކަމަށް ބާސެލޯނާއާއި ދެކޮޅަށް ދައުވާކޮށްފައެވެ. ނަމަވެސް ކޯޓުން މައްސަލަ ނިންމިއިރު ނޭމާ މިވަނީ ބާސެލޯނާއަށް ފައިސާ ދައްކަން ޖެހިފައެވެ.
ނޭމާގެ ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށްފަހު ކޯޓުން ނިންމާފައިވަނީ ބާސެލޯނާގެ ކޮންޓްރެކްޓް އައުކުރުމަށްފަހު އެ ކޮންޓްރެކްޓްގައި ހިމެނޭ މާއްދައަކާއި ނޭމާ ޚިލާފުވެފައިވާކަމަށެވެ. އެހެން ކަމުން ބާސެލޯނާއިން ބޯނަސް ދޭން ނުޖެހޭކަމަށާއި، ކޮންޓްރެކްޓާއި ޚިލާފުވުމުން ބަދަލެއްގެ ގޮތުގައި 6.7 މިލިއަން ޔޫރޯ ނޭމާ ބާސެލޯނާއަށް ދައްކަން ޖެހޭކަމަށް ބާސެލޯނާގެ ކޯޓުންވަނީ ހުކުމްކޮށްފައެވެ.
ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ފީއެއްކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. މި ޓްރާންސްފަރއަށް ފަހު ބާސެލޯނާއިންވަނީ ނޭމާ ކޮންޓްރެކްޓާއި ޚިލާފަށް ކަންތަކެއް ކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި ކޯޓަށް މައްސަލަވެސް ހުށަހަޅާނެކަމަށްވެސް ބެލެވުނެވެ. ނަމަވެސް އޭގެ ފަހުން ބާސެލޯނާއަށް ނޭމާ އެނބުރި އަންނަން ބޭނުންވެ، ބާސާގެ މެނޭޖްމަންޓުންވެސް އެކަން ކުރަން ބޭނުންވާތީ މި މައްސަލަ ކޯޓާއި ހަމައަށް ނުގޮސް އޮތީއެވެ.
ކޮންޓްރެކްޓާއި ޚިލާފުވުމުގެ ބަދަލުގެ ގޮތުގައި 6.7 މިލިއަން ޔޫރޯ ބާސާ އަށް ދިނުމަށް ނޭމާގެ މައްޗަށް އެންގީ ބާސާއިން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ބާސެލޯނާއަށް ނޭމާ ބަދަލުވުމުގައި ގޮންޖެހުންތަކެއް ދިމާވެގެން އުޅެނީ ޕީއެސްޖީން ބޭނުންވާ އަގު ދޭން ބާސެލޯނާއިން އެއްބަސްނުވާތީއެވެ. އަނެއްކޮޅުން ނޭމާ މީގެ ކުރިން ވަނީ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާތީ ޓީމްގެ ޕްރެކްޓިހަށް ނިކުތުންވެސް ހުއްޓާލާފައެވެ. ނަމަވެސް ޓްރާންސްފަރ ކޮޅެއްގައި ނުޖެހި ގިނަ ދުވަސްތަކެއް ވުމުން އޭނާވަނީ ޕްރެކްޓިސްގައި ބައިވެރިވެ އެޓީމާއިއެކު ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ކުރިއަށް އޮތް ޓްރާންސްފަރގައިވެސް ބާސެލޯނާއިން ނޭމާގެ ޓްރާންސްފަރއާއި ގުޅޭ ކަންކަން ކުރާނެކަމަށް ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.