ޚަބަރު

މަނީ ލޯންޑަރ ކުރި ކަމަށް ތުހުމަތުކޮށް، ހައިލަމް ފުލިސް އޮފީހަށް ހާޒިރުވާން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑަރ ކުރި ކަމަށް ތުހުމަތުކޮށް އޭނާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

Ads by MWSC

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ރައްޓެއްސެއް ކަމަށްވާ އަލްހާން ފަހުމީގެ އަތުން އަނބުރާ ދައްކާގޮތަށް ހޯދި ދެލައްކަ ރުފިޔާ ފާޅުކަން ބޮޑުގޮތެއްގައި އެކައުންޓުން އެކައުންޓަށް ޓްރާންސްފާކުރުމަކީ އޭނާ މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް، ފުލިސް އޮފީހަށް ހާޒިރުވާން އަންގަވައިފި ކަމަށެވެ.

"ބިރެއް ނުދެއްކޭނެ" ފުލުހަށް ހާޒިރުވާން އެންގި ޗިޓާއި އެކު ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ހައިލަމަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެމް.އެމް.އޭ) ލިބިފައިވާ މަޢާމަލާތްތަކުގެ ރިޕޯޓްތަށް ބެލި ބެލުމުން ކްރިމިނަލް ކޯޓްގެ އިސް ޤާޟީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމުގައިވާ އަލްހާން ފަހުމީގެ ފަރާތުން 19 މެއި 2019 ގައި 200,000ރ (ދެލައްކަ) ރުފިޔާގެ މުޢާމަލާތެއް ހިންގާފައިވާ ކަމަށް ފާހަގަ ކުރެވި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނަސްފައިވާތީ، އަދި މި މުއާމަލާތަކީ މަނީ ލޯންޑްރިންގ އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއްކަމަށް ތުޙުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

ހައިލަމް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 20:00 އަށެވެ.

މިކަމާ ގުޅުގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސާ ޓްރާންސްފާ ކުރީ އޭނާ ކަމަށާއި، އެކަން މިހާރު ނިމިފައިވާ ކަމަށެވެ.

"ފައިސާ ލިބުނު މީހާ މަނީ ލޯންޑަރ ކުރާކަމަށް ތުހުމަތުވީ ގޮތަކީ ކޮބާ؟ ކުށެއް ކޮށްގެން ހޯދި ފައިސާ އެއް ނޫން. ދަރަންޏަށް ފައިސާ ނެގުމަކީ ކުށެއް ނޫން. މިފަހަރު ކިޔާދޭނަން މަނީލޯންޑަރ ކުރާގޮތް." އަލްހާން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!